ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން އުމުރުން 16 އަހަރުގެ ކުދިންނަށް މީސްމީޑިޔާ ބައެއް މަންސަތައް ބޭނުންނުކުރެވޭ ގޮތަށް މަނާކުރުމަށް ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޒުވާންކުދިން މީސްމީޑިޔާގެ އެކި މަންސަތަކުގައި ނޭދެވޭ ކަންކަމުގެ ތެރެއަށް ވަނުމުގެ މައްސަލައަކީ ބަވަނަވެފައިވާ މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ.
މިސާލެއްގެ ގޮތުން ސައިބާ ބުލީން ނުވަތަ އޮންލައިންކޮށް ބުލީކުރުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި، ކުޑަކުދިން ގްރޫމްކުރުމުގެ އިތުރަށް މީސްމީޑިޔާ މަންސަތަކުގެ ޒަރީއާއިން ކުޑަކުދިންނާ ހަމައަށް ނުރައްކާތެރި އެކި ޒާތުގެ ކޮންޓެންޓުތަކަށް ވާސިލުވުމަށް މަގުފަހިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގައި އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ނަމޫނާއެއް ކަމުގައި ދެކެވަޑައިގަންނަވައެވެ. ރައީސް ވިދާޅުވީ އޮސްޓްރޭލިއާއިން އެކަމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ އަލީގައި ގާނޫނަަށް ގެންނަންޖެހޭ ބަދަލުތަކާއި، ސޯޝަލް މީޑިޔާ ކުންފުނިތަކާ މުއާމަލާތްކުރުމުގައި އޮސްޓްރޭލިއާއިން ތައާރަފުކުރި މިންގަނޑުތައް ރާއްޖެއަށް ތައާރަފުކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދަވަން ނިންމަވާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، މި އަހަރު ނިމުމުގެ ކުރިން އެ ފިޔަވަޅު ތަންފީޒުކުރެވޭ މަރުހަލާއަށް ގެންދެވުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.
މި ނިންމުމަކީ އެއްވެސް ހާލެއްގައި ޑިޖިޓަލައިޒޭޝަނާ ދުރަށް ދިއުން ނޫންކަމަށާއި، ޑިޖިޓަލް މަންސަތަކުން މައުލޫމާތު ހޯދުން ފަދަ ކަންކަމަށް އެއްވެސް ހުރަހެއް ނޭޅޭނެހެން މި ފިޔަވަޅު ތަންފީޒުކުރާނީ ޒުވާނުންނާއި ކުޑަކުދިން ނުރައްކާތެރި ކޮންޓެންޓުތަކުން ސަލާމަތްކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.



