ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު އިސްތިޢުފާދެއްވައިފިއެވެ.
ނާޒިމް މަޤާމުން އިސްތިޢުފާދެއްވިއިރު، މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމުގެ ވޯޓު ނެގުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ މިއަދު ހެނދުނު 9:00 ގައި ބޭއްވުމަށް އޮތީ ތާވަލުކޮށްފައެވެ.
ވޯޓު ނެގުމުގެ ކުރިން ނާޒިމް މަޤާމުން އިސްތިޢުފާދެއްވިކަން އިޢުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، ވޯޓަށް އެހުމުގެ ކުރިން މަޤާމުން ނާޒިމް އިސްތިޢުފާދެއްވާފައިވާ ކަމަށެވެ.
މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތް ކަނޑައަޅާފައިވަނީ ފާއިތުވި ހަފުތާގައެވެ. އެ ކޮމިޓީން ކަނޑައެޅީ މުޅި މައްސަލައަށް އެއް ގަޑިއިރުގެ ވަގުތެއް ކަނޑައަޅައި މެންބަރުން ވާހަކަދެއްކުމަށް 50 މިނިޓު ހާއްސަކުރުމާއެކު ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް 10 މިނިޓުގެ ވަގުތެއް ދިނުމަށެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމަށް މަޖިލީހުގައި އަޣުލަބިއްޔަތު އޮތް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަަންޓަރީ ގުރޫޕުން ފާސްކުރީ މޭ މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގައެވެ.
ނާޒިމު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކުރީ ނާޒިމުގެ މައްޗަށް އިތުބާރު ނެތުމުންނެވެ. އަދި އެ ނިންމުމާ ގުޅިގެން މޭ މަހުގެ 14 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރުމަށް 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅިއެވެ.



