- Advertisement -spot_img

ރައީސް އޮފީހަށް ހުށަހެޅި ހުރިހާ އާރް.ޓީ.އައި އަކަށް ޖަވާބުދީ ނިމިއްޖެ: ތަރުޖަމާނު

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ ފޯމުތަކަކަށް ޖަވާބުދީ ނިމިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ”ޕްރެސަރ ވިތު ދަ ސްޕޯކްސް“ ސިލްސިލާގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ.

ތަރުޖަމާނު ވިދާޅުވީ، ޤާނޫނުގައި އިސްތިސްނާކޮށްފައިވާ ދާއިރާތައް ފިޔަވައި، ރައީސް އޮފީހަށް މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅި ހުރިހާ އާރް.ޓީ.އައި (RTI) ފޯމަކަށް މިހާރު ޖަވާބުދީ ނިމިފައިވާ ކަމަށެވެ. މިއީ ސަރުކާރުގެ ހާމަކަން ބޮޑުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އެހެން ވުޒާރާތަކުންވެސް މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ވީހާވެސް އަވަހަކަށް ޖަވާބުދިނުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށް މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ އެހީތެރިކަން ރައީސް އޮފީހުގެ ފަރާތުން ފޯރުކޮށްދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު އިތުރަށް ވިދާޅުވީ، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ޢާންމުކުރުމުގެ ޒިންމާ އަދާކުރުމުގައި ސަރުކާރުން ފުރިހަމައަށް އިޖާބަދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އެނގެންޖެހޭ މަޢުލޫމާތުތައް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ކަމަށްވެސް އިސް ތަރުޖަމާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް