ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕު މިއަދު ހަވީރު ފުރައިފިއެވެ.
މިއަދު ހަވީރު ސަޢުދީ އެއާލައިނުގައި 268 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ދިއުމަށް ފުރާފައެވެ. މިއަދު ފުރި ޙައްޖުވެރިންނަށް ޖިއްދާއަށް ދެވޭނެކަމަށް ލަފާ ކުރެވެނީ ރާއްޖެ ގަޑިން 20:45 ހާއިރުއެވެ.
މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންގެ ތެރެއިން 498 ޙައްޖުވެރިން މިހާރު މައްކާއަށް ގޮސްފައިވާއިރު، ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.
ދިވެހި ޙައްޖުވެރިންގެ އެންމެހާ އިންތިޒާމުތަކެއް ޙައްޖު ކޯޕަރޭޝަނުން ފުރިހަމަަށް ހަމަޖައްސަވާފައިވާއިރު، ދިވެހި ޙައްޖު މިޝަނުން ދަނީ ޙައްޖާއި ގުޅޭ އިންތިޒާމުތައް ވަރަށް ގާތުން ބަލަމުންނެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިންމުމަށްފަހުގައެވެ.



