- Advertisement -spot_img

އައްޑޫގެ އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދާނީ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު: ސައީދު

އައްޑޫ ސިޓީގެ އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދާނީ އެ ސިޓީގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު އެފަރާތްތަކުން އެދޭގޮތަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައްޑޫ ރީޖަނަލް ފްރީ ޒޯން އިފްތިތާޙްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، 2027 އިން 2029 އަށް އައްޑޫގައި ހިންގާ ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި އައްޑޫގައި އަލަށް އިފްތިތާޙްކުރެވުނު ’ރީޖަނަލް ފްރީ ޒޯން‘ ގެ ސަބަބުން އިޤްތިޞާދީ ގޮތުން ބޮޑެތި މަންފާތަކެއް ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ފްރީ ޒޯންތަކަކީ ރާއްޖެއަށް އައު ކޮންސެޕްޓެއް ނަމަވެސް، މިއީ އިންޑަސްޓްރިއަލް ޤައުމުތަކުގައި ކާމިޔާބުކަމާއެކު ބޭނުންކުރަމުންދާ ނިޒާމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

”ފްރީޒޯންތަކަކީ ރާއްޖެއަށް ވަރަށް އާ ކޮންސެޕްޓްތަކެއް. އެހެންނަމަވެސް އަޅުގަނޑުމެންނާ ވަރަށް ގާތުގައި ހުރި ގައުމުތަކުން ފެށިގެން ގޮސް އިންޑަސްޓްރިއަލް ގައުމުތަކުގަވެސް އުފައްދާފަހުރި ކޮންސެޕްޓްތަކެއް. މިކަންވެސް ފެށުމާއެކު އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ މީގެ ފައިދާ ކުރާނެ،“ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ބޭރުގެ އިންވެސްޓަރުންނަށް އިތުބާރު ލިބޭ ފަދަ ވަރުގަދަ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ވިޔަފާރިތައް ކުރިއަށް ގެންދިއުމެވެ.

މީގެ އިތުރުން، މި ފަދަ ތަރައްޤީގެ މަޝްރޫޢުތަކާއެކު އައްޑޫ ސިޓީއަކީ ރާއްޖޭގެ އައިޓީ ހަބަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަޞައްވުރެއް ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް