- Advertisement -spot_img

ކޯރަމް ހަމަނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ.

އާންމު ގޮތެއްގައި ކޯރަމް ރަނގަބީލު ޖެހުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަނީ، ތާވަލުކޮށްފައި އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު ނުވައެއް ޖަހާއިރެވެ.

މަޖިލީހުގެ މިއަދުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ، ކޯރަމް ހަމަނުވާތީވެ، މަޖިލީހުގެ ޖަލްސާ ފެށުން 10:00 ލަސްކުރިކަމަށް އިއުލާނުކޮށްފައެވެ. އެހެންނަމަވެސް 10:00 ގައިވެސް މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާވަރަށް ކޯރަމް ހަމަނުވާތީ، ރިޔާސަތުން އިއުލާނު ކުރެއްވީ، ހެނދުނު 9 ޖަހާއިރު ފެށުމަށް ނިންމި ޖަލްސާގެ ކޯރަމް ހަމަނުވާތީވެ، މަޖިލިސް ފަށާ ގަޑި 10 ޖެހުމަށް ބަދަލުކުރުމުންވެސް ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް ކޯރަމް ހަމަނުވާތީ، މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ބ ގެ ދަށުން މިއަދުގެ ޖަލްސާ ކެންސަލް ކުރެއްވީ ކަމުގައެވެ.

އަދި މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މެއި މަހުގެ 14 ވަނަދުވަހު ކަމުގައިވެސް ރިޔާސަތުން އިއުލާނު ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 އިންސައްތައެވެ. އެހެންކަމުން 93 މެންބަރުން އެކުލެވޭ 20ވަނަ މަޖިލީހުގެ ޖަލްސާގެ ކޯރަމަކީ 23 މެންބަރުންނެވެ. މަޖިލީހުގެ ޖަލްސާތައް ފެށޭނީ އެ އަދަދު ހަމަވުމުންނެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މާދަމާ، މިހިނގާ ދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

ގުޅުންހުރި ލިޔުންތައް