- Advertisement -spot_img

ތިމަރަފުށީ ކައުންސިލްގެ ވޯޓު ބާތިލްކޮށްދޭން އެދިއްޖެ

ތިމަރަފުށީ ކައުންސިލް އިންތިޚާބުން ބަލިވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އިމާދު، އެ އިންތިޚާބުގެ ނަތީޖާ ބާތިލުކުރުމަށް ހައިކޯޓުގައި އެދިއްޖެއެވެ. އޭނާ އެދިފައިވަނީ ތިމަރަފުށީގެ އިންތިޚާބު އަލުން ބޭއްވުމަށް ނުވަތަ އަމީނިއްޔާ ސްކޫލުގައި ހުރި ވޯޓު ފޮށީގެ ވޯޓުތައް އަލުން ގުނުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި، ކައުންސިލްގެ ދެ ގޮނޑި ކާމިޔާބު ކުރެއްވީ އަހުމަދު ޔާމީނާއި އަލީ ޝާހެވެ. ޔާމީނަކީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ބޭފުޅެކެވެ. ޝާހަކީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ބޭފުޅެކެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ބަލިވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އިމާދެވެ.

މި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ހޯމަ ދުވަހު ފެށިއެވެ. ފަނޑިޔާރުންގެ ބެންޗުން ބުނެފައިވަނީ އިތުރު ސާފުކުރަންޖެހޭ ކަމެއް ނެތްނަމަ، ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެ ކަމަށެވެ. މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާއާއި، ހުސައިން މަޒީދުގެ އިތުރުން އަބްދުލް މަނިއު ހުސައިނެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ޝަކުވާ ހުށަހެޅި ފަރާތުގެ ވަކީލުން ވިދާޅުވީ، ވޯޓުލާ މަރުކަޒުގައި އޮބްޒާވަރުންގެ ހާޒިރުގައި އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ނަތީޖާއާއި، ފަހުން ރަސްމީކޮށް އިއުލާނުކުރި ނަތީޖާއާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރި ކަމަށެވެ. ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ފަރަގު އައީ ވޯޓު ގުނާ މަރުކަޒުގައި ފުރަތަމަ ނަތީޖާ އިއުލާނުކުރިއިރު އެއް ޝީޓް ދޫކޮށްލެވުމުން ކަމަށެވެ. އެ ޝީޓް ހިމެނުމުން ފައިނަލް ނަތީޖާ ރަނގަޅުވާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

ޝަކުވާ ހުށަހެޅި ފަރާތުން އެދެނީ އަމީނިއްޔާ ސްކޫލްގެ ވޯޓު ފޮށީގެ ނަތީޖާ ބާތިލުކުރަން ނުވަތަ އަލުން ގުނުމަށެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުން އިމާދު ބަލިވީ އެންމެ ދެ ވޯޓުގެ ތަފާތުންނެވެ.

ގުޅުންހުރި ލިޔުންތައް