ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އަދި ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އަބްދުﷲ ނަޝީދު ހަމަޖައްސައިފިއެވެ.
ޖަމީލަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، މިދިޔަ އަހަރުގެ އޯގަސްޓުމަުގެ ތެރޭގައެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 19ވަނަ ދުވަހުން ފެށިގެން ހައިކޯޓު ވަގުތީ ގޮތުން ހިންގެވުން ހަވާލުކުރައްވާފައިވަނީ ފަނޑިޔާރު ޖަމީލާއެވެ.
ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޖަމީލް ވަނީ ހައިކޯޓުގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ ކަމާއި ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަންވަނީ ކުރައްވާފައެވެ.
ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ހަމަޖެއްސި ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ނަޝީދުވަނީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި އެކޯޓުގެ އިސްމެޖިސްޓްރޭޓުކަމާއި ނ. ޖުޑީޝަލް ދާއިރާގެ، ދާއިރާ އިސްމެޖިސްޓްރޭޓުކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ އިތުރުން ފެމެލީ ކޯޓުގެ ގާޒީ ކަމުގެ މަގާމް އަދާކުރައްވާފައިވެއެވެ.
ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ނަޝީދު ފެމެލީ ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެފައިވަނީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 24ވަނަ ދުވަހުގައެވެ.



