އިންތިޚާބީ ކައުންސިލަރުން މަގާމާ ހަވާލުވެވަޑައިގަތުމާއެކު މާލޭ ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ލިބޭނެ މަންޒަރެއް ނުފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި ތޮއްޑޫ ދާއިރާގެ ރަށްތަކުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އއ. ރަސްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ލިބޭނެ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއަދު މާލޭގެ މަގުމަތިން ފެންނަނީ އިންތިޚާބީ ކައުންސިލަރުން އިހުތިޖާޖުކުރާ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މަގުމަތި ހަލަބޮލިކުރަމުންދާ ތަން، ހަޑި ހުތުރު ބަސްތައް ބޭނުންކުރަމުންދާ ތަން، ދީނީ މިންގަނޑުން ބޭރު، ވަރަށް އަޚްލާގީ ފެންވަރު ދަށް އަމަލުތައް ހިންގަމުންދާތަން، ވޯޓުދިނީ އެކަން ކުރާކަށް ނޫން، ވޯޓުދިނީ ރައްޔިތުންގެ ފަރާތުން ގޮސް ކައުންސިލާ ހަވާލުވާ ދުވަހުން، ނޫނީ ޑަބްލިއުޑީސީއާ ހަވާލުވާ ދުވަހުން ފެށިގެން ޒިންމާދާރު މަސައްކަތެއް ކުރަން،“ ރައީސް ވިދާޅުވިއެވެ.
ކޮންމެ ފިކުރަކާ އެއްކޮށް ކަމުގައިވިޔަސް ހުރިހާ ކައުންސިލުތަކާ ގުޅިގެން ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް މިރޭ ދެއްވިއެވެ.
ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ކައުންސިލުތަކުން ހުރަސް އަޅާނަމަ ރައްޔިތުންނަށް އެކަން ތަފުސީލުކޮށް، ކޮންމެ ހޯމަ ދުވަހަކު ސިލްސިލާކޮށް އެމަނިކުފާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދެއްވާނެ ކަމަށް، ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑު ތަފުސީލުކޮށް ކިޔައިދޭނަން އެ ހަފުތާއެއްގެ ތެރޭގައި، ނޫނީ އެންމެ ފަހުން އެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި، މިވެނި ސިޓީއެއްގެ ކައުންސިލުން މިހެން ކަންކަމަށް ހުރަސް އަޅައިފިކަން، އެހެންވީމާ އެޅި ހުރަހެއް ކިޔައިދޭނަން، ކިޔައިދީފައި ގާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ދެން ކުރަންޖެހޭ މަސައްކަތެއް ކޮށްގެންވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ޚިދުމަތްތައް ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިއަށްކަން ކައުންސިލުން ހުރަސް އެޅިޔަސްވެސް، އެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް ދެން،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮންމެ ސިޔާސީ ފިކުރެއްގައި ކައުންސިލަށް އިންތިޚާބުވިޔަސް އިންތިޚާބުވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ކަމަށާއި، ކުރިއަރުވައި އިސްކުރަން ޖެހޭނީ އެ ރަށެއްގެ މަސްލަހަތު ކަމަށެވެ.
”ޕާޓީ ގައުމާ ޚިލާފަށްދާނަމަ، ގައުމުގެ ވިސްނުމާ ޚިލާފަށްދާނަމަ، ޕާޓީ ޖެހޭނީ ދޫކޮށްލަން، ދީނާ ޚިލާފުކަމެއް ކުރަން ބާރު އަޅާނަމަ ވަގުތުން އެއްކިބާވެ، ދީނުގައި އޮންނަ މަގުން ދާންޖެހޭނެ،“ އެމަނިކުފާނު ވިދާޅުވިއެވެ.



