މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް ލަފާދޭ ހަ މެންބަރުންގެ ”އެޑްހޮކް“ ކޮމިޓީއެއް އެކުލަވާލުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފިއެވެ.
މި ކޮމިޓީގައި ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ހިމެނިވަޑައިގަންނަވައެވެ.
ދާއިމީ ޗެއާޕާސަނެއް އިންތިޚާބު ކުރެވެންދެން މަސައްކަތް ކުރާނެ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
1. ކުރީގެ ރައީސް މުޙައްމަދު ނަޝީދު
2. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
3. އިންތިގާލީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަފޯ)
4. އެމް.ޑީ.ޕީގެ ރައީސް ޢަބްދުﷲ ޝާހިދު
5. ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް
6. ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
މިރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ޕާޓީގެ ތެރެއިން މުހިންމު ދައުރެއް ދިނުމަށް ވަނީ ނިންމާފައެވެ.
ވެރިކަން ކުރެއްވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ރައީސުންނަށް ގައުމީ މަޖިލީހުގެ ގޮނޑި ދިނުމަށް ނިންމުމާ ގުޅިގެން، ރައީސް ނަޝީދަށް މަޖިލީހުގެ ގޮނޑިއެއް ވަނީ ލިބިވަޑައިގެންފައެވެ.
ޕާޓީގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް ރައީސް ނަޝީދު ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން މި މަގާމުގައި ހުންނެވީ ހަމައެކަނި ރައީސް ޞާލިޙެވެ. ބަދަލުތައް ގެނައި ސަބަބުމި ބޮޑެތި ބަދަލުތައް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. ޚާއްޞަކޮށް، ޕާޓީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމާއި، އޭގެ ފަހުން ބައެއް އިސް ބޭފުޅުން މަގާމުން ވަކިކުރުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަކީ މި ނިންމުންތަކުގެ މައިގަނޑު މަގުސަދެވެ.
ގައުމީ މަޖިލީހުގެ މެންބަރަކު މައުލޫމާތު ދެއްވި ގޮތުގައި، ގަޑިއެއްހާއިރަށް ދެމިގެންދިޔަ މިރޭގެ ބައްދަލުވުން ކުރިއަށްދިޔައީ އެއްވެސް ހަމަނުޖެހުމެއް ނެތި، ވަރަށް އޮމާންކަމާއެކުގައެވެ.



