ސަރުކާރުން މިހާރު އަމާޒު ހިފާފައިވާ މިސްރާބާ އެކު ޑޮލަރުގެ މައްސަލަ ހައްލުވެ، މި ދަތި ހާލަތުން އަރައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީގެ ފަރާތުން ތައްޔާރުކުރި ވީޑިއޯ މެސެޖެއް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކާ އެކު ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ކަންބޮޑުވަނީ އަބަދުވެސް ރާއްޖެ ނުދަރައިގެން ނުވަތަ ބަނގުރޫޓު ނުވެގެން ބަޔަކު އުޅޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި އެއްސަތޭކަ ފަންސާސް މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާ މިއަހަރުގެ ތެރޭގައި ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން އެސްބީއީ މެދުވެރިކޮށް ނެގި ޓީބިލްގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ ފަންސާސް މިލިއަން ޑޮލަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާއިން މިދިޔަ ބުރާސްފަތި ދުވަހު ދައްކައި ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އެ ފައިސާ ދެއްކުމާ ގުޅިގެން ކާޑާއި ތެލާއި ގޭހާއި ބޭހުގެ ބާވަތްތައް ގަންނާނެ ފައިސާ ދައުލަތުގައި ނެތް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ދިވެހިންގެ މެދުގައި ޝައްކާއި ވަހުމް އުފައްދައި މާކެޓުގެ އިތުބާރު ގެއްލުވައިލަން ދައްކާ ވާހަކަތަކެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަސާސީ މުދާތައް ގެނައުމަށް އެއްވެސް ދައްޗެއް ނުއަންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އިތުރުން އޭޑީއެފްޑީގެ ލޯނެއްވެސް ފަސްކޮށްދީފައިވާ ކަމަށާއި، ދައުލަތަށް ވާރުތަވެގެން އައި އެތައް ލޯނެއްގެ ބުރަ ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު އެންމެ އިސްކަމެއް ދެއްވީ ދިވެހި ދައުލަތް ޑިފޯލްޓް ނުވެ، ސުކޫކަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ޓޫރިސްޓުން ނާންނާނެ ކަމަށް ބުނެ ބޭރުގެ މީޑިއާތަކުގައި ރާއްޖެއާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ގައުމުގެ އިގްތިސާދަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިގްތިސާދީ ކަންކަމުގައި ސިޔާސީ ޕާޓީތަކުން ވެސް ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށާއި، ގައުމު ބަނގުރޫޓު ކޮށްލުމަށް ވާހަކަ ދެއްކުމުން ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.



