- Advertisement -spot_img

ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެލުގެ ރިޒާވެއް ގާއިމްކުރަން ރައީސް ނިންމަވައިފި

ރާއްޖޭގެ ތިން ސަރަހައްދެއްގައި ގައުމީ ތެލުގެ ރިޒާވެއް ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކޮންމެ ފިޔަވައްސަކަށް ގާތްގަނޑަކަށް ދޮޅު އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ހޭދަކޮށް، ޖުމްލަ ހަތަރު އަހަރާއި ފަސް އަހަރުގެ ތެރޭގައި ތިން ސަރަހައްދެއްގައި އޮއިލް ރިޒާވް ގާއިމުކޮށް ނިންމުން ކަމަށެވެ.

”އަޅުގަނޑުމެންގެ ވިސްނުމަކީ ދޮޅު އަހަރުން ފޭސް އެއްގޮތަށް ގާތްގަނޑަކަށް ހަތަރު އަހަރާއި ފަސް އަހަރުން ތިން ސަރަހައްދެއްގައި އޮއިލް ރިޒާވެއް ގާއިމުކުރުން. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ދިރާސާތަކެއް ދަނީ ކުރަމުން،“ ރައީސް ވިދާޅުވިއެވެ.

ކޮންމެ ފިޔަވައްސަކަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މަސައްކަތް ކުރިއަށް ގެންދާނީ އޭގެ ސަބަބުން ލިބޭނެ ފައިދާ އާއި ގެއްލުންތަކަށް ރިއާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ރިޒާވްތައް ގާއިމުކުރުމުން ރާއްޖެއަށް ބޭނުންވާ ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރުވެ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް