- Advertisement -spot_img

އެމެރިކާގެ ޚާއްސަ މަންދޫބު މިހާރު ހުރީ ލަންކާގައި، ދެން ވަޑައިގަންނަވާނީ ރާއްޖެ

އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެމެރިކާގެ ގުޅުންތައް ބަދަހިކުރުމުގެ މަގުސަދުގައި، އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސާޖިއޯ ގޯރ، ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އޭނާ މިހާރު  ވަޑައިގެން ހުންނެވީ ސްރީލަންކާގައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސަލާމަތީ އަދި އިގްތިޞާދީ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި އޭނާ މަޝްވަރާކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކާއެކު އެމެރިކާއިން ބާއްވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެ ގައުމުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

ސާޖިއޯ ގޯރ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އެމެރިކާއިން ބުންޏެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށާއި، ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ މުހިންމު ވަސީލަތްތައް ކުރިއެރުވުމަށް ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިޞާދު ފުޅާކުރުމަށާއި، ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން ކުރައްވާ ދަތުރުފުޅެއްކަން ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކުރިއެވެ.

ގުޅުންހުރި ލިޔުންތައް