އައްޑޫ ސިޓީގެ ތަސައްވުުރު ހަގީގަތަކަށް ހެދޭނީ ޕީއެންސީގެ ޓިކެޓްގައި އެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުޝްރިފް އަލީއަށް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ދަ ގްރޭޓާ އައްޑޫ އިވެންޓްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މުޝްރިފް މޭޔަރު ކަމަށް ނުކުންނެވީ ތަސއްވުރަކާއިގެން ކަމަށާއި އެކަން ހާސިލުވާނީ ސަރުކާރާ ގުޅިގެން ކަމަށެވެ.
މުޝްރިފަކީ ސަރުކާރާ ގުޅިގެން އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރައްވާނެ ބޭފުޅެއްކަން ފާހަގަކުރައްވައި ފަލާހު ވަނީ އޭނާއަށް ވޯޓުދެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ސަރުކާރުން މިހާރުވެސް އަންނަނީ އައްޑޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްޑޫ ލިންކްރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ވަނީ ހަވާލުކޮށްފައެވެ. ފޭދޫގައި މުޅިން އާ ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް ކުރިއަށްއެބަދެއެވެ.
އިއްޔެ ސަރުކާރުން ވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލު ގެނައުމުގެ ބިޔަ މަޝްރޫއު ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހު ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.



