ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ރޯދަ ހިފަންޖެހޭ ގޮތަށް ރޯދަ ނުހިފާނަމަ އެއަޅުކަމުގެ މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެ: ހުތުބާ

ރަމަޟާން މަހުގައި އަޅުގަނޑުމެން ހިފާ ރޯދަ ހިފަންޖެހޭ ގޮތަށް ނުހިފާނަމަ، އެއަޅުކަމުގެ ފުރިހަމަ ދަރުމައާއި ސަވާބެއް ނުލިބޭނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭހެ ހުރިހާ މިސްކިތެއްގައި ކުރެވުނު ހުކުރު ނަމާދުގެ މައުލޫއަކީ ”ރަމަޟާންމަހަށް ތައްޔާރުވުން“ އެވެ.

އެގޮތުން ހުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ ކަމަކަށް ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކުން ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވާން ޖެހެއެވެ. އަދި މި ބަރަކާތްތެރި މައްސަރާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނީ ފުރިހަމަ އީމާންކަމާއިއެކު، އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ސަވާބަށް އެދޭ ހާލުގައިކަމަށް ވަނީ ބުނެފައެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ހެޔޮކަމުން ފުރިގެންވާ މައްސަރެއް ކަމަށާއި، އަޅުގަނޑުމެންގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް ލިބިފައިވާ އަގުހުރި ދުވަސްތަކެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރަމަޟާން މަހަށް ހަނދު ބަލާ ހިނދު، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ ކަމަށް ޚުތުބާގައި ހަދުމަކޮށްދީފައިވެއެވެ.

އެހެންކަމުން ރަމަޟާން މަހާއި އަޅުގަނޑުމެން ކުރިމަތިލާންޖެހޭނީ އެމައްސަރުގެ ތަރުބަވީ މަދަރުސާއިން ނަފުސުތައް އިސްލާހުކޮށް، ހަޔާތުގެ އާ ސަފްހާތަކެއް ހުޅުވާލުމުގެ މަތިވެރިއަޒުމުގައި ކަމަށްވަނީ ބުނެފައެވެ.

ހަމަމިގޮތަށް ރޯދައަށް އަޅުގަނޑުމެން ތައްޔާރުވާއިރު ރޯދައިގެ ޝަރުއީ ހުކުމްތައް ދަސްކޮށް ރޯދައިގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބޭގޮތަށް ރޯދަ ހިފާނެގޮތް ދަސްކުރުމަށް އެދުނެވެ. އަދި ރޯދަ ގެއްލޭ ކަންކަން އެނގުމާ، ރޯދައަށް ހުރެ ކުރުން މަކުރޫހަ ކަންކަން ދެނެގަނެ އެކަންކަމުން ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

”ލޮބުވެތި އަޙުންނޭވެ! ރޯދަ ހިފަންޖެހޭގޮތަށް ރޯދަ ނުހިފާނަމަ، މި މިމަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެ. ރަމަޟާންމަހުގެ ބަރަކާތްތެރި ދުވަސްތަކުގައި ހަމައެކަނި ބަނޑުހައިހޫނުކަމާއި ކަރުހިއްކުން ލިބޭ ބަޔަކަށް ވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.“ ހުތުބާގައި ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ރަމަޟާން މަހަކީ ވިޔަފީގެ ފައިދާއިން މަންފާ އިތުރަށް ހޯދާ މަހަކަށް ނުހެދުމަށާއި އޭގެ ބަދަލުގައި ހެޔޮއަގުގައި ރައްޔިތުންނަށް ތަކެތި ފޯރުކޮށްދީ އެ މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށްވެސް މިއަދުގެ ހުތުބާގައި އަލިއަޅުވާލާފައިވެއެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ކުށްފާފަތަކުން ތައުބާވުމަށް ލިބޭ، ދުވަސްތަކެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރޭގައިވާ ދެބަސްވުންތަކާއި ޚިޔާލުތަފާތުވުންތައް ދޫކޮށްލައި، މި ބަރަކާތްތެރި މަހުގެ ހެޔޮކަން ލިބިގަތުމަށް، އަވަސްވެގަތުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް