ތިން ޖަމްޢިއްޔާއަކަށް ދިވެހިރާއްޖެއިން ދާއިމީ މަންދޫބުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ތިން ޖަމްޢިއްޔާއަކީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)، އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ)، އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގައިވާ ގޮތުން، ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅާ މަންދޫބުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.
އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމްއެވެ. އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ހުށަހަޅުއްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ. އަދި ޑަބްލިއުޓީއޯއަށް ކަނޑައަޅާ މަންދޫބަކަށް ހުށަހަޅުއްވާފައިވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
އައިއެމްއޯއަކީ ކަނޑު ދަތުރުފަތުރާބެހޭ އދ.ގެ ޖަމްޢިއްޔާއެކެވެ. އައިރީނާއަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޖަމްޢިއްޔާއެކެވެ. އަދި ޑަބްލިއުޓީއޯއަކީ ޤައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ ކަންކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.
މި ނަންފުޅުތައް ދިރާސާކުރުމަށް ފޮނުވާފައިވާ ކޮމިޓީން އެ ނަންފުޅުތަކާމެދު ގޮތެއް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މަޖިލީހުގެ ރުހުން ލިބިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަށް އެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަންކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.