އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު ހުށަހެޅުއްވީ މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޒަމީރެވެ. މިއަދު ނެގި ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ ތެރެއިން 59 މެންބަރުން ވަނީ މި ބިލު ބަލައިގަތުމަށް ތާއީދުކޮށްފައެވެ.
ބިލުގައި ހުށަހަޅާފައިވަނީ، ކުރިއަށް އޮތް ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެންބަރަކަށް، ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދިނުމަށެވެ.
މަޖިލީހުގެ ބަހުސްގައި ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ބޭފުޅުންނަކީވެސް އިނާޔަތް ޙައްޤު ބައެކެވެ. އަދި އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ލިބެންޖެހޭނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
މި ބިލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ފުއްދުމަށް ހުށަހެޅިފައިވާ ބިލެކެވެ. ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، އަންހެނުންނަކީ ކޮންމެ ރަށެއްގައިވެސް ރަށުގެ ތަރައްޤީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށާއި، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ލާމަރުކަޒީ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމުމުން، އަލުން މަޖިލީހުގެ ތަޅުމަށް ގެނެސް ވޯޓަށް އަހާނެއެވެ.