މިހާރު އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލުގެ ފޮނިކަން ފެނިގެން ދާނީ މަޑުމަޑުން ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ސެންޓްރަލް ބޭންކުގެ ގަވަރުނަރު، އަހުމަދު މުނައްވަރު ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ކަންތައްތަކަށް ގެންނަނީ ވަރަށް ބޮޑު ބަދަލަކަށްވާއިރު، ދެވެންހުރި ދޫތަކެއް ދީގެން ވެސް ބޭރު ފައިސާގެ ގަވާއިދު ތަސްދީގު ކުރެވިއްޖެނަމަ ހެޔޮ ބަދަލުތައް ފެންނާނެ ކަމަށެވެ.
”އަޅުގަނޑުމެން މިތިބީ ޓޫރިޒަމް އިންޑަސްޓްރީ އާއި، އެހެން ފަރާތްތަކާ އެކު ވެސް މަސައްކަތް ކޮށްގެން، މި އިންތިގާލީ މަރުހަލާގައި މި އަންނަ ބަދަލުތަކުގެ ތެރެއިން ވެސް ދެވެންހުރި ފްލެކްސިބިލިޓީތަކެއް ދޭންވެގެން. ފްލެކްސިބިލިޓީތަކެއް ދީގެން ވެސް ތަންފީޒުކުރުން ވަރަށް މުހިންމު. ތަންފީޒުވެގެން ރިޒާވް ލިބިގެން، އަޅުގަނޑު މިދެންނެވި ހެޔޮ ބަދަލު ފެނިގެންދާނީ،“ މުނައްވަރު ވިދާޅުވި އެވެ. ”ވަރަށް ބޮޑު ސްޓަރަކްޗަރަލް ބަދަލެއް މި އަންނަނީ، މަޑުމަޑުން ބަދަލުތަކުގެ ފޮނިކަން ފެށިގެންދާނެ. އެއް ފަހަރަކާ ނުފެންނާނެ.“
އެމްއެމްއޭ އިން ބުނީ ގަވާއިދަށް އަމަލުކުރަން ފެށުމުން މާރުކުރާ ޑޮލަރުގެ 40 ޕަސެންޓް ބޭންކުތަކުގައި ބެހެއްޓުމަށްފަހު 60 ޕަސެންޓް ގެންދާނީ އެމްއެމްއޭ އަށް ކަމަށެވެ. އަދި އެ 60 ޕަސެންޓު ވެސް ކޮންމެ ހަފުތާއަކު ބޭންކުތަކަށް ދޫކުރަމުން ދެންނާނެ ކަމަށެެވެ. އެމްއެމްއޭ އިން ބުނީ އާންމު ފަރުދުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ދޫކުރެވޭ ޑޮލަރު ވަކި މަރުހަލާތަކަކަށް ބަހާލައިގެން އިތުރުކުރަމުން ގެންދާނެ ކަމަށެެވެ.
މުނައްވަރު ވިދާޅުވީ ބޭރު ފައިސާގެ ރިޒާވް މިހާރު ބަރޯސާވެފައި އޮންނަނީ ޓެކްސްގެ ގޮތުގައި ޑޮލަރުން ލިބޭ އާމްދަނީ އާއި ސަރުކާރުން ނަގާ ލޯނުގެ މައްޗަށެވެ. ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ސަބަބުން ސީދާ އެމްއެއްއޭ އަށް ރިޒާވް ހަރުދަނާކުރަން މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މުނައްވަރު ވިދާޅުވީ މި ބަދަލުގެ ފުރިހަމަ ފައިދާ ފެންނާނީ ފިސްކަލް ޕޮލިސީ ވެސް ހަރުދަނާކޮށް، ދައުލަތުގެ ދަރަނި ދަށްކުރެވިގެން ކަމަށެވެ.
”ސަރުކާރުގެ ބަޖެޓް މިދިޔަ ފަސް އަހަރު ތެރޭގައި ޑަބަލް ޑިޖިޓް ޑެފިސިޓެއްގައި ހުރެ ދަރަނިތައް އިންތިހާ އަށް ބޮޑުވެފައި ހުރުމަކީ ފޮރިން އެކްސްޗޭންޖް މާކެޓަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާ ކަމެއް،“ މުނައްވަރު ވިދާޅުވި އެވެ.
ބޭރު ފައިސާގެ ބިލުގައިވާ ގޮތުން ރާއްޖޭގައި ކުރެވޭ ހުރިހާ ފައިސާގެ މުއާމަލާތެއް ވެސް ކުރަންވާނީ ދިވެހި ރުފިޔާ އިންނެވެ. އަދި ޑޮލަރުން ލިބޭ އާމްދަނީ، ވިޔަފާރިކުރާ ފަރާތްތަކުން ބޭންކުތަކަށް ޖަމާކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ޑޮލަރުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ކޮންމެ މަހަކު ވެސް ބޭންކަށް މާރުކުރަން ޖެހެ އެވެ.