ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް އަންނަ އަހަރު ޖުލައިގައި ހުޅުވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތުގެ 85 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ޖުލައި މަހު އެ ޓާމިނަލް ހުޅުވޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.

މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ އެސްއޯއީ ކޮމިޓީގެ ސަބްކޮމިޓީގެ ބައްދަލުވުމުގައި ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވި ގޮތުގައި ޓާމިނަލްގެ މަސައްކަތް ދަނީ ޝެޑިއުލަށްވުރެ ވެސް އަވަހަށް ކުރިއަށެވެ.

އަދި މިހާރު ރޭވިފައިވާ ގޮތުން، އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު އާ ޓާމިނަލް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ސަރުކާރުން ބުނެފައިވަނީ މި އަހަރުގެ ފަހުކޮޅު ޓާމިނަލްގެ ބައެއް ހުޅުވޭނެ ކަމަށެވެ. ނަމަވެސް، އެއަރލައިންތައް ތަމްސީލުކުރާ އެއަރލައިން އޮޕަރޭޓަރސް ކޮމިޓީ (އޭއޯސީ)އިން ވަނީ އެ ދުވަސްވަރަކީ ފަތުރުވެރިކަމުގެ މޫސުމުގެ އެންމެ ބިޒީ ދުވަސްވަރު ކަމަށްވާތީ، އެ ދުވަސްވަރު ޓާމިނަލް ހުޅުވުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ އާ ޓާމިނަލް އަންނަ އަހަރު ހުޅުވުމަށް ހުއްދަ ދެއްވާފައި ކަމަށް ޝަރީފް ވިދާޅުވިއެވެ. މިގޮތުން، ފަތުރުވެރިކަމުގެ ލޯ ސީޒަންއާ ދިމާކޮށް ޓާމިނަލް ހުޅުވުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް