ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ސަނީ އުމަރު ރާއްޖެ އައުމާއެކު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރަން ފަށައިފިއެވެ.
ސަނީ އުމަރު ރާއްޖެ އައީ މިއަދުއެވެ.
ފުލުހުން ބުނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ސަނީ އުމަރު ހާޒިރުކޮށް، ކުރެވޭ ތުހުމަތާ ގުޅިގެން ސުވާލުކުރަމުން އަންނަ ކަމަށެވެ. އޭނާ އަދި ހައްޔަރުކޮށްފައެއްނުވެއެވެ.
ސަނީ އުމަރު ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަތަކެއް ފެތުރެމުންނެވެ. އެ ވާހަކަތައް ފެންމަތިވުމުން ފުލުހުން ކުރިން ބުނީ އެފަދަ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވާ ގޮތުގައި ޖިންސީ އަނިޔާ ލިބުނު ކުދިންގެ މައިންބަފައިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ބޭނުމެއް ނުވެއެވެ. އެހެންވެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަން ފެށުމުން އާއިލާ އިން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
ފުލުހުން މިހާރު ބުނަނީ އަނިޔާ ލިބުނު ކުދިންގެ އާއިލާ އިން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.



