ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

އިސްރާއީލް ޕާސްޕޯޓް މަނާކުރުން: ތަފާސްހިސާބުތައް ހޯދައި މުއައްސަސާތަކާ މަޝްވަރާކުރަނީ

އިސްރާއީލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ބިލާ މެދު ގޮތެއް ނިންމުމުގެ ކުރިން އިމިގްރޭޝަންގެ ތަފާސްހިސާބުތައް ހޯދައި ކަމާ ބެހޭ ޖަމިއްޔާތަކާއި މުއައްސަސާތަކާ މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އެތެރެވީ އިސްރާއީލް ކިތައް މީހުންތޯ ބެލުމަށް އިމިގްރޭޝަނުން ތަފާސްހިސާބުތައް ހޯދަން ޖެހޭ ކަމަށެވެ.

އިސްރާއީލްގެ ފާސްޕޯޓް އޮންނަ މީހުން އެހެން ގައުމުތަކުގައި ވެސް އުޅޭ ކަމަށާއި ހާއްސަކޮށް އެމެރިކާގައި އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމަ އިސްރާއީލްގެ ޕާސްޕޯޓް އޮންނަ އެކަމަކު، އެހެން ގައުމެއްގެ ރައްޔިތަކަށް ވެސް އެމީހާ ވެދާނެ ކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. އެ ހުރިހާ ތަފްސީލެއް އެނގޭ ގޮތަށް މައުލޫމާތު ހޯދުމަށް ފެންނަ ކަމަށް ވިދާޅުވިއެވެ.

”މިސާލަކަށް އާޖެންޓީނާއަކީ ވަރަށް ގިނަ އިސްރާއީލް މީހުން ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ހިޖުރަކުރި ގައުމެއް. އެމީހާ އާޖެންޓީނާ ޕާސްޕޯޓަށްވުރެ ބޮޑަށް ފޭވާ ކުރަނީ އިސްރާއީލް ޕާސްޕޯޓަށް. އެއީ ވިސާއަށް ނުލާ އެމެރިކާއަށް ދެވޭތީ. އުރުދުން އާއި ފަލަސްތީނުގައި އުޅޭނެ އަރަބިން. އެ ތަފާސްހިސާބުތައް އަޅުގަނޑުމެންގެ އިމިގްރޭޝަން ސިސްޓަމްގައި ހުރީމަ ބަލާފައި އަޅުގަނޑުމެން މި ދައްކަނީ ކިހާ ވޮލިއުމެއްގެ ވާހަކައެއްތޯ ބަލަންޖެހޭ.“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އިސްރާއިލުން އަންނަ ފަތުރުވެރިން އެތެރެވާ ބޭނުން ވެސް އޮޅުން ފިލުވަންޖެހޭ ކަމަށެވެ. އެއީ ފަތުރުވެރިއެއްގެ ގޮތުގައިތޯ ނުވަތަ ވިޔަފާރީގެ ބޭނުމެއްގައި އަންނަ ބައެއްތޯ ވެސް ބަލަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ހުށަހެޅުއްވީ އިސްރާއީލްގެ ޕާސްޕޯޓްގެ މައްސަލައިގައި ކަމާ ބެހޭ މުވައްސަސާތަކާއި ޖަމިއްޔާތަކަށް އެ ބޭފުޅުންގެ ރައްޔު ހޯދުމަށް ސިޓީ ފޮނުވުމަށެވެ. އަދި ލިޔުމުން ޖަވާބު ހޯދުމަށް ފަހު، ގޮތެއް ނިންމުމަށް ހުށަހެޅުއްވިއެވެ.

ނާޒިމް ގެ ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ ތާއީދު ކުރައްވާފައެވެ. އަދި ކޮމިޓީގެ ބައިވެރިވެވަޑައިގެންވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް