ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދެން ބޭރު ސިފައިންނަށް ގާއިމްވެ ތިބެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ބަޔާންކޮށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީއިން މުޒާހިރާކޮށްފިއެވެ.
ގާނޫނުއަސާސީއަށް މި އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
މި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫންވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ. އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީން ތަކުގައި ބައިވެރިވުން ފިޔަވައި މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު ސިފައިން އެއްވެސް ސިފައެއްގައި އަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ.
މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ހިމެނޭހެން ގާނޫނުއަސާސީއަށް ގެނެވުނު މުހިންމު ތިން އިސްލާހު ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 91 މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓާއެކުއެވެ.
ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭނުންވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަމަށްވާ 93 މެންބަރުންގެ ހަތަރު ބައިކުޅަ ތިން ބައެވެ. އެއީ 70 މެންބަރުންނެވެ.
މި އިސްލާހުގެ ބޭނުމަކީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު އިތުރަށް ރައްކާތެރި ކުރުމެވެ. ގާނޫނުއަސާސީ ކުރިން އޮތް ގޮތުން ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމްވެ ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުމެއް ނުވެއެވެ. މަޖިލީހުގެ ރުހުން ހޯދަން ޖެހެނީ ހަމައެކަނި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އަސްކަރީ މަރުކަޒެއް އަޅާ ނަމައެވެ. ގާނޫނުއަސާސީން ބޭރު ސިފައިން ގާއިމްވެ ތިބުމަށް މަޖިލީހުގެ ރުހުން ހޯދުން ލާޒިމް ނުވާތީ ނިމުނު އެމްޑީޕީ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިންނަށް ތިބެވޭނެ ގޮތަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
އިންޑިއާ ސިފައިން އެންމެ ފުރަތަމަ ދާއިމީ ސިފައެއްގައި ރާއްޖޭގައި ގާއިމުވެގެން ތިބެން ފެށީ 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެންމެ ފުރަތަމަ ރާއްޖެއަށް އިންޑިއާ ސިފައިންގެ ކޮންޓިންޖެންޓެއް އައީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާއިން ދެ ހެލިކޮޕްޓަރު ރާއްޖެއަށް ގެނައުމަށް ހެދި އެއްބަސްވުމުގެ ދަށުންނެވެ. އެއިރުގެ އެއްބަސްވުމުގައި އިންޑިއާ ސިފައިން ރާއްޖެއަށް އަންނަ ގޮތަށް އޮތީ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް ބެލެހެއްޓުމަށް ދިވެހި ސިފައިންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާގެ ހެލިކޮޕްޓަރުތަކާއި އެ ހެލިކޮޕްޓަރުތަކާއެކު ތިބި އެ ގައުމުގެ ސިފައިން އަނބުރާ ގެންދަން ތަކުރާރުކޮށް އެދިފައިވެއެވެ. އެހެންކަމުން އުސޫލެއްގެ ގޮތުން ސިފައިންނާ ހެލިކޮޕްޓަރުތައް ގެންދަން އިންޑިއާ ސަރުކާރުން ނިންމިއެވެ. ހެލިކޮޕްޓަރު އެއްބަސްވުން ސަރުކާރުން އައުނުކުރި ނަމަވެސް، އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވިސާ ކެންސަލުކުރި ނަމަވެސް އިންޑިއާއިން ނިންމީ ހެލިކޮޕްޓަރުވެސް ސިފައިންވެސް އަނބުރާ ނުގެންގޮސް، އެއިރުގެ ސަރުކާރު ބަލިކުރުމަށް އެއިރު އިދިކޮޅުގައި ތިއްބެވި ލީޑަރުންނަށް ހަރަދުކޮށް އެހީތެރިވާށެވެ.
ރައީސް އިބްރާހީމް ވެރިކަމާއި ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހެލިކޮޕްޓަރު އެއްބަސްވުންތައް ވަނީ އާ ކުރެވިފައެވެ. މިގޮތުން 12 ޑިސެމްބަރުގައި އިންޑިއާ އެމްބަސީ އިން ވަނީ ދިވެހި ސަރުކާރަށް އެކަމާއި ގުޅޭގޮތުން ސިޓީއެއް ފޮނުވާފައެވެ. އޭގެ ފަހުން 2 ޖެނުއަރީގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އިންޑިއާ އިން އެދިފައިވާ ގޮތަށް ހެލިކޮޕްޓަރު އެއްބަސްވުންތައް އާކޮށްފައެވެ. ކުރީ ސަރުކާރު ވެރިކަމަށް އައުމަށްފަހު ހެލިކޮޕްޓަރުގެ އެއްބަސްވުން އައުކުރިކަމާއި އައުކުރި އެއްބަސްވުމުގައި ދިވެހި ސިފައިން ތަމްރީނުކުރުމުގެ ވާހަކައެއް ނެތްކަން ހާމަވެފައިވެއެވެ. އެ އެއްބަސްވުމުގައި ހެލިކޮޕްޓަރު ދުއްވައި މަރާމާތުކުރުމަށް އިންޑިއާ ސިފައިން ތިބޭނެކަމާއި، އެ ސިފައިންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ/ރައްކާތެރިކަމާއި އިމްތިޔާޒުތައް ލިބޭނެކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބީ ހެލިކޮޕްޓަރު ދުއްވުމަށާއި ޑޯނިއާ މަތިންދާބޯޓު ދުއްވުމަށާއި، މެއިންޓެނެންސް އަދި އިންޖިނިއަރިން މަސައްކަތްތަކުގައި ކަމަށް ބުނެއެވެ. ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދު ސިއްރު ކުރުމަށް ރައީސް އިބްރާހީމްގެ ސަރުކާރުން ވަނީ ކެނޑިނޭޅި މަސައްކަތް ކޮށްފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖެއިން ފައިބައިފައި ވަނީ މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. ގައުމުތަކާ ރަހުމަތްތެރިވާނެ ކަމަށާއި ގައުމުތަކާ ހަތުރުވެރިކަމެއް ނުބާއްވާނެ ކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަމާނެ ކަމަށާއި، އެ ރަތް ރޮނގު ފަހަނައަޅައިދާކަށް އެއްވެސް ގައުމަކަށް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.