ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުގެ އަޣުލަބިއްޔަތުން ފާސްވެގެން ނޫނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅަފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށައަޅުއްވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޟާހިދު އެވެ.
މި އިސްލާހުގެ ބޭނުމަކީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު އިތުރަށް ރައްކާތެރި ކުރުން ކަމަށް މައުލާމާތު ލިބިފައިވެއެވެ. ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމްވެ ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުމެއް ނުވެއެވެ. މަޖިލީހުގެ ރުހުން ހޯދަން ޖެހެނީ ހަމައެކަނި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އަސްކަރީ މަރުކަޒެއް އަޅާ ނަމައެވެ.
ގާނޫނުއަސާސީން ބޭރު ސިފައިން ގާއިމްވެ ތިބުމަށް މަޖިލީހުގެ ރުހުން ހޯދުން ލާޒިމް ނުވާތީ ނިމުނު އެމްޑީޕީ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިންނަށް ތިބެވޭނެ ގޮތަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
އިންޑިއާ ސިފައިން އެންމެ ފުރަތަމަ ދާއިމީ ސިފައެއްގައި ރާއްޖޭގައި ގާއިމުވެގެން ތިބެން ފެށީ 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެންމެ ފުރަތަމަ ރާއްޖެއަށް އިންޑިއާ ސިފައިންގެ ކޮންޓިންޖެންޓެއް އައީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާއިން ދެ ހެލިކޮޕްޓަރު ރާއްޖެއަށް ގެނައުމަށް ހެދި އެއްބަސްވުމުގެ ދަށުންނެވެ. އެއިރުގެ އެއްބަސްވުމުގައި އިންޑިއާ ސިފައިން ރާއްޖެއަށް އަންނަ ގޮތަށް އޮތީ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް ބެލެހެއްޓުމަށް ދިވެހި ސިފައިންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށެވެ.
ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހެލިކޮޕްޓަރު އެއްބަސްވުންތައް ވަނީ އާ ކުރެވިފައެވެ. މިގޮތުން 12 ޑިސެމްބަރުގައި އިންޑިއާ އެމްބަސީ އިން ވަނީ ދިވެހި ސަރުކާރަށް އެކަމާއި ގުޅޭގޮތުން ސިޓީއެއް ފޮނުވާފައެވެ. އޭގެ ފަހުން 2 ޖެނުއަރީގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އިންޑިއާ އިން އެދިފައިވާ ގޮތަށް ހެލިކޮޕްޓަރު އެއްބަސްވުންތައް އާކޮށްފައެވެ. ކުރީ ސަރުކާރު ވެރިކަމަށް އައުމަށްފަހު ހެލިކޮޕްޓަރުގެ އެއްބަސްވުން އައުކުރިކަމާއި އައުކުރި އެއްބަސްވުމުގައި ދިވެހި ސިފައިން ތަމްރީނުކުރުމުގެ ވާހަކައެއް ނެތްކަން ހާމަވެފައިވެއެވެ. އެ އެއްބަސްވުމުގައި ހެލިކޮޕްޓަރު ދުއްވައި މަރާމާތުކުރުމަށް އިންޑިއާ ސިފައިން ތިބޭނެކަމާއި، އެ ސިފައިންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ/ރައްކާތެރިކަމާއި އިމްތިޔާޒުތައް ލިބޭނެކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބީ ހެލިކޮޕްޓަރު ދުއްވުމަށާއި ޑޯނިއާ މަތިންދާބޯޓު ދުއްވުމަށާއި، މެއިންޓެނެންސް އަދި އިންޖިނިއަރިން މަސައްކަތްތަކުގައި ކަމަށް ބުނެއެވެ. ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދު ސިއްރު ކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ކެނޑިނޭޅި މަސައްކަތް ކޮށްފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖެއިން ފައިބައިފައި ވަނީ މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. ގައުމުތަކާ ރަހުމަތްތެރިވާނެ ކަމަށާއި ގައުމުތަކާ ހަތުރުވެރިކަމެއް ނުބާއްވާނެ ކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަމާނެ ކަމަށާއި، އެ ރަތް ރޮނގު ފަހަނައަޅައިދާކަށް އެއްވެސް ގައުމަކަށް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.