އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ތަނަވަސް މީހުންނަށް އާސަންދަ ކަނޑާލަން ޖެހޭ: ރެޑްވޭވް ސަލީމް

ތަނަވަސް މީހުންނަށް އާސަންދަ ހިމެނޭހެން ދައުލަތުން ދޭ މާލީ އިނާޔަތްތައް ކަނޑާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ ދައުލަތުގެ ޚަރަދުކުޑަކުރެވޭތޯ މި ސަރުކާރުން މަސައްކަތްތަކެއް ކުރާ ކަމަށެވެ. ނަމަވެސް ޚަރަދު ކުޑަކުރުމުގެ ކޮންމެ ކަމެއް ވެސް ގުޅިފައިވަނީ ރައްޔިތުންނާ ކަމަށް އޭނާ ވިދާޅުވިއެވެ.

”ބޭސްފަރުވާއަށް ވިޔަސް، އާސަންދަ ކުޑަކުރެވޭކަށް ނެތް، ކުޑަކޮށްފިއްޔާ ގޯސްވީ. މީ ބަދަލު ގެންނަންޖެހޭ ކަންކަން. ވަޒީފާތަކަށް ބަލައިފިއްޔާ ވަޒީފާ ނުދިނަސް ހަމަ ގޯސްވީ. ވަޒީފާ އެބަ ލިބެންޖެހޭ އެންމެންނަށް ވެސް. ދެން އޮތީ ޕްރައިވެޓް ސެކްޓާ ވަރުގަދަ ކުރުން. އެކަން ވެސް ސަރުކާރުން އެބަކުރައްވާ. ދެން އެހެން ދިމާތަކަށް ދާއިރުގައި ސިއްހީ ދާއިރާ ޚަރަދުކުޑަކުރެވޭކަށް ނެތް. ހުރިހާ ރަށެއްގައި ހޮސްޕިޓަލް އެބަ އަޅަންޖެހޭ. އެ ތަންތަނަށް ޚިދުމަތް ދޭންޖެހޭ. ދެން ހުރި ކަންތައްތައްކުރަންޖެހޭ އެބަ،“ ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އާސަންދައާއި، 65 އަަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް ތަނަވަސް މީހުންނަށް ދިނުން ހުއްޓައިލަން ޖެހޭ ކަމަށެވެ. އެފަދަ އިނާޔަތްތަކަކީ ހަމައެކަނި ނިކަމެތީންނަށް ހައްގުވާ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަރަދުކުޑަކުރަން ދެން ކުރަންޖެހޭ ކަމަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށާއި، ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭ އައި އެއްވެސް ސަރުކާރަކުން ވެސް އެ މަސައްކަތް ނުކުރާކަމަށެވެ. އެކަމަކު، މި ސަރުކާރުން އެ ކަމަށް މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމެއްގައި ދަރަނި ނެގުމަކީ، އޭގެ ޒާތުގައި ކުރުން ރަނގަޅު، ކުރަން ވެސް ޖެހޭ ކަމެއް ނަމަވެސް، ދަރަނި ނެގޭ މިންވަރު އިތުރަށް ހަރުކަށިކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ ހަރުކަށި މިންގަނޑެއް ނެތި ބޮޑެތި ދަރަނިތައް ނަގާނަމަ، ދަރަނި ދައްކަން އުފުލަންޖެހޭ ބުރަ ބޮޑުވާތަން ފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް