އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ބީއެމްއެލްގެ އާ ކަސްޓަމާ ސާވިސް ސެންޓަރެއް ހިތަދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ކަސްޓަމާ ސާވިސް ސެންޓަރެއް އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހުޅުވައިފިއެވެ.

މި ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކިން ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރަން މުހިންމު އަހުމިއްޔަތުކަމެއް ދޭ ކަމަށާއި އައްޑޫގައި ޚިދުމަތް ފުޅާކުރުމަކީ ކަސްޓަމަރުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އައްޑޫ ހިތަދޫ، ހުޅުމީދޫ އަދި މަރަދޫ ފޭދޫގައި ގާއިމުކޮށްފައި ހުންނަ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ބޭންކުން މިހާރުވެސް ވަރަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެ އެވެ. އަދި 11 އޭޓީއެމްގެ ސެލްފް ސާވިސް ބޭންކިންގެ އޭޓީއެމް ސެންޓަރަކާއި، ހިތަދޫގައި ގާއިމުކޮށްފައިވާ ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ދެމުން ދާއިރު، ބޭންކުގެ ކޮންޓެކްޓް ސެންޓަރެއްވެސް އައްޑޫގައި ހިންގަ އެވެ.

މީގެ ތެރެއިން މަރަދޫ ފޭދޫގައި ހިންގާ ބޭންކުގެ ބްރާންޗް (ބީއެމްއެލް ގަމު ބްރާންޗް) އަކީ ބޭންކުގެ ތާރީހުގައި ވަރަށް ހާއްސަ ބްރާންޗެކެވެ. ގަމު ބްރާންޗަކީ މީގެ 40 އަށްވުރެ ގިނަ އަހަރު ކުރިން، 1983 ވަނަ އަހަރު މާލޭން ބޭރުގައި ގާއިމުކުރި ބޭންކުގެ ފުރަތަމަ ބްރާންޗެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރު، 261 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް