ދައުލަތުގެ ޕްރޮކިއުމަންޓްތައް ބެލެހެއްޓުމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލަވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ހަ މެންބަރުންގެ ބޯޑުގައި ޗެއާޕާސަނަކީ ފިނޭންސް މިނިސްޓްރީގެ މުހައްމަދު ޝިފާހުއެވެ.
ބޯޑުގައި ތިއްބަަވާ އިތުރު ބޭފުޅުންނަކީ އެންވަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްޠަފާ އާއި، ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތާއި، ޕްރައިވެޓް ސެކްޓާއިން ވިލާ ކޮލެޖުގެ ޑެޕިއުޓީ ރެކްޓަ ޑރ. މުހައްމަދު އާދިލްއާއި، މާޝާ ލުތުފީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ފާތުމަތު ނުޒުހާއެވެ.
ރާއްޖޭގެ ޕަބްލިކް ޕްރޮކިއުމަންޓްގެ ނިޒާމު ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްކޮށް ހަރުދަނާ ކުރުމަށްޓަކައި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑް އުފެއްދީ ފެބްރުއަރީ 23، 2020 ގައެވެ.
މިބޯޑު އެކުލަވާލީ ދައުލަތުގެ ހަރަދުތައް ހިނގަނީ އިންސާފުވެރިކަމާއި ފާޅުކަން ބޮޑު ގޮތެއްގައިތޯ ޔަގީންކުރުމަށެވެ. ދައުލަތުގެ ޕްރޮކިއުމަންޓް ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި އިސްލާހުކުރުމާއި ދައުލަތުގެ އިދާރާތަކުން ކޮންޓްރެކްޓްތައް ދިނުމުގައި އާއި މުދާ ހޯދުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ މިބޯޑުން މޮނިޓާ ކުރާނެ އެވެ.
ޕަބްލިކް ޕްރޮކިއުމަންޓް ނިޒާމު ހިންގައި އިތުރަށް ހަރުދަނާ ކުރުމަކީވެސް ބޯޑުން ކުރަންޖެހޭ ކަމެކެވެ.



