ސަރުކާރުން ރަށްތަކުގައި އިމާރާތްކުރަމުން އަންނަ ކައުންސިލް އާ އިމާރާތުގެ ޢަމަލީ މަސައްކަތް 30 ރަށެއްގައި ފަށައިފިއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވީ ކައުންސިލް އާ އިމާރާތް އެޅުމުގެ މަޝްރޫޢުގެ ދަށުން 50 ކައުންސިލެއްގެ މަސައްކަތް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކަމަށެވެ. އަދި، 55 ކައުންސިލް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ދިވެހި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އަޅާ ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ޙަވާލުކޮށްގެންނެވެ. އެ މަޝްރޫޢަށް 631 މިލިއަން ރުފިޔާ ޚަރަދުވެއެވެ.
ފަތުޙީ ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 30 ކައުންސިލް އިމާރާތެއްގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އިތުރު ރަށްތަކުގައި އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ އިމާރާތް އެޅުމަށް ބޭނުންވާ ތަކެތި ފޮނުވުމަށް ފަހު އިތުރު 9 ރަށެއްގައި ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ބާކީ ހުރި ރަށްތަކުގެ މަސައްކަތް ވެސް ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފަތުހީ ވިދާޅުވިއެވެ.
އާ ކައުންސިލް އިދާރާތަކުގައި ޖާގަ ތަނަވަސްކޮށް ޚިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމާރާތްތައް ޑިޒައިން ކުރެވިފައި ވަނީ ޒަމާނަށް އެކަށޭނަ އެކަށީގެންވާ ޖާގަ ހިމެނޭގޮތަށެވެ.



