ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހއ. އިހަވަންދޫ، އުދަރެސް، އަހްމަދު ޝާފިއު އާއި ގއ. ކަނޑުހުޅުދޫ، ޔުނިކޯ، މުޒައްމިލު ނާސިރު އައްޔަންކޮށްފިއެވެ.
އެ ދެ ބޭފުޅުން ގާޒީ ކަމަށް އައްޔަންކޮށްފައި ވަނީ ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ދެ ބޭފުޅުންނަށް ގާޒީ ކަމުގެ ހުވާ ލައިދެެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން ޝާފިއު އަކީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމު މީގެކުރިން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ބާ ކައުންސިލްގެ އެކްސްކޯ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މުޒައްމިލަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި 11 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާތަނަށް އޭނާ ހުންނެވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރެއްގެ މަގާމުގަ އެވެ.
މީގެއިތުރުން 17 ކޯޓެއްގެ މެޖިސްޓްރޭޓް ކަމަށް ވެސް ރޭ ވަނީ ބޭފުޅުން އައްޔަންކުރައްވާފައެވެ.



