އެމްޕީއެލްގެ ހުޅުމާލޭ ވިޔަފާރީގެ ބަނދަރުގައި ހުއްޓައި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ގެއްލުނު މައްސަލައާ ގުޅިގެން ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރުކުރީ ދޯނީގެ ކެޕްޓަން ކަމަށްވާ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު، 54، އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް ވަނީ ޖަހައިފައެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގެއްލުނު ކޮންޓެއިނަރުގެ ބައެއް ސާމާނު ތިލަފުށިން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދި ސައުދީ އަރަބިއްޔާގެ ސައުދީ ބިންލާދިން ގްރޫޕް (އެސްބީޖީ) އިން ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި ސިނގިރޭޓެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުނގެ ތެރޭގައި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެއެވެ. ދެން ހައްޔަރުކުރީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްއެވެ.
އޭގެފަހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ކ.ތުލުސްދޫ، ލިންކު، ހަސަން އަބްދުއްރަހްމާން،52، އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފައެވެ.



