އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށެވެ.
”މިއަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން ޖެނުއަރީ މަހުން ފެށިގެން ސިންގަލް ޕޭރެންޓް އެލަވަންސް (އެކަނިވެރި މައިންނަށްދޭ އެލަވަންސް) ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއަށް ބޮޑުވެގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
އެކަނިވެރި މައިންގެ އެލަވަންސް ލިބެން ޖެހޭ 5،878 މީހަކު މިހާރު އެބަތިއްބެވެ.
އޭގެއިތުރަށް، ތެލަސީމިއާ ޕޭޝަޓުންނަށް އަންނަ އަހަރުން ފެށިގެން 1،000 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތާރީޚްގައި ވެސް އަލަށް ދޭ އެލަވަންސެކެވެ.
މިރޭ އެމަނިކުފާނު އެ ފުއްދަވައިދެއްވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ދެ ވައުދެކެވެ. ކަނޑައެޅިފައިވާ ވަކި ތަރުތީބެއްގެ ދަށުން އެމަނިކުފާނު ގެންދަވަނީ ވައުދުތައް ރަނުން ރަނަށް ފުއްދަވަމުންނެވެ.



