ކޯޓަށް އޮޅުވާލުމަށް ވަގު ލިޔުން ހުށަހަޅައިގެން ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މަސައްކަތް ކުރާކަން ފަޅާއަރާފައިވާ ސެންޓަ އެންޓަޕްރައިސާސްއިން ސިވިލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.
އެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއިން ސެންޓާ އެންޓަޕްރައިސާސްއަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓަށް ރިއާޔަތްކޮށް އެ އޮފީހުގެ ލަފާގެ މަތިން ކަމަށެވެ.
ސެންޓަ އެންޓަޕްރައިސަސް އުފެއްދީ 13 އޭޕްރީލް 2006ގަ އެވެ. އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާ އުފުލީ 2006 އިން 2021 އަށް ފޯރުކޮށްދިން ތަކެއްޗަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެއެވެ.
އެ ކުންފުނިން ވަނީ 2020 ވަނަ އަހަރުން ފެށިގެން ތަފާތު ހަ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލަތަކުގައި ހޯދަން އެދިފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 410،391،976ރ. އެވެ.
ނަމަވެސް، އެ ކުންފުނީގެ 2008، 2009 އަދި 2010 ވަނަ މާލީ އަހަރުގެ އޮޑިޓު ކުރެވިފައިވާ މާލީ ބަޔާންތަކުގައި އެ ކުންފުނީގެ ވިޔަފާރިއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ގޮތުގައި ހޯދަން ދައުވާކުރި ފައިސާއާ ގާތްކުރާ މިންވަރުގެ އަދަދެއް ވެސް ހިމަނާފައި ނުވެ އެވެ. ނުލިބި ހުރި ފައިސާ ކަމަށް ރެކޯޑުތަކުން ދައްކަނީ 11،756،510ރ. އެވެ. އެއީ ހޯދަން ދައުވާކުރި ފައިސާގެ ގާތްގަނޑަކަށް 2.8 ޕަސެންޓެވެ.
މި މައްސަލާގައި ސެންޓަ އެންޓަޕްރައިޒަސްއިން ސިވިލް ކޯޓަށް ހުށަހެޅި ބައެއް ލިޔެކިޔުންތަކުގައި ޑީއެމްއެސްގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި ”އައިޝަތު ހަލީމް“ ގެ ނަމުގައި ސޮއިކޮށްފައި ހުރި ނަމަވެސް އެ ނަން ކިޔާ މުވައްޒަފަކު އެއްވެސް އިރެއްގައި ޑީއެމްއެސް ނުވަތަ ހެލްތު މިނިސްޓްރީގައި ވެސް މަސައްކަތް ކޮށްފައި ނުވާކަން އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓެއްގައިވެއެވެ.



