ރާއްޖޭގެ 36 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ކުރި އިއުލާނެއްގައި ވަނީ 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ.
ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ކަމަށް ފުލުހުން ބުންޏެވެ.
ރަޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް، ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި އަދި ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ މާދަމާގެ މެންދުރު 12:00 ގެ ކުރިން ފުލުހުންގެ ޕްރޮކިއުމަންޓް މެއިލް، procurement@police.gov.mv އަށް މެއިލްކުރަން ވަނީ އެދިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުމެވެ. އެގޮތުން އެމަނިކުފާނު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ވަނީ އެ ރަށްތަކުގެ ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.



