އެމްޕީއެލްގެ ހުޅުމާލޭ ވިޔަފާރީގެ ބަނދަރުގައި ހުއްޓައި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މުއާޒު އަލީ މިފްކޯގެ ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.
މިފްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒު އަލީ މިއަދުން ފެށިގެން 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި މުއާޒު އަލީ ވެސް ހިމެނެ އެވެ.
އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދި ސައުދީ އަރަބިއްޔާގެ ސައުދީ ބިންލާދިން ގްރޫޕް (އެސްބީޖީ) އިން ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި ސިނގިރޭޓެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުނގެ ތެރޭގައި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވެސް ހިމެނެއެވެ. ދެން ހައްޔަރުކުރީ ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްއެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފައެވެ.



