ކ. ތުލުސްދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ކ. ތުލުސްދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރައީސް މުއިއްޒުގެ ވަޢުދާއެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ޚިދުމަތް ނުފެށި އޮތީ މިހާރު އެންމެ އަތޮޅެއްގައެވެ. އެއީ އދ. އަތޮޅެވެ. އެއަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމްކުރަނީ މަހިބަދޫގައެވެ.