ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

ކޮރަޕްޝަންގެ މައްސަލަތަކުގައި އެމްޑީޕީގެ އިސްސަފުގައި ތިބި ގިނަ ބަޔަކު ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވާންޖެހޭނެ: ހުސްނީ

ކޮރަޕްޝަންގެ މައްސަލަތަކުގައި އެމްޑީޕީގެ އިސްސަފުގައި ތިބި ގިނަ ބަޔަކު ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވާންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހުސްނީ ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާ ހަމައިން ކޮރަޕްޝަންގެ މައްސަލަތައް ނުނިމޭނެ ކަމަށެވެ. އަދި އެމްޑީޕީގެ އިސް ސަފުގައި ތިބި ގިނަ ބަޔަކު ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިހާރު އެމްޑީޕީގެ އިސްކޮށް ތިބި ފަރާތްތަކަށް ޔަޤީންވެއްޖެ މިއީ ފެނަކަ ސައީދާ ހިސާބުން ނިންމާލާނެ ކަމެއް ނޫންކަން. ނިންމާލެވެން ނެތްކަން، ހަމަ ޔަޤީނުންވެސް ފެނަކަ ސައީދާ ހިސާބުން މިކަން ނުނިމޭނެކަން. [އެމްޑީޕީ] އިސް ސަފުގައި ތިބި ގިނަ ބަޔަކު މީގައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވާންޖެހޭނެކަން، ގިނަ ދުވަސްތަކަކަށް ހަމަ ޔަޤީނުންވެސް ގައިދުކުރެވޭ ހާލަތެއް ވެސް އަތުވެދާނެކަން،“ ހުސްނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ގައުމު ހަލަބޮލިކޮށްލަން އުޅުނަސް އެ ޕާޓީން ދައްކާ ވާހަކަތައް ގަބޫލުކުރާނެ ބަޔަކު މިއަދު ނެތް ކަމަށެވެ.

”އަޅުގަނޑަކަށް ހިއެއްނުވޭ މިހާރު ރާއްޖޭގައި އެ ވާހަކަ ގަބޫލުކުރާ ރައްޔިތަކު ހުރިހެނެއް. އަޅުގަނޑަކަށް ހިއެއްނުވޭ އެ ބޭފުޅުން އެ ދައްކާ ވާހަކަ ގަބޫލުކޮށްގެން އެ މަޅީގައި ޖެހިގެން މިއަދު ނުކުންނާނެ ރައްޔިތަކު ހުރިހެނެއް. އެއަށްވުރެ ސާފުކޮށް މިދިޔަ ފަސް އަހަރު ތެރޭގައި ޤައުމު ދަވާލާފައި އޮތްގޮތް މި އޮތީ ފެންނަން. އެންމެ ކުންފުންޏެއްގެ އޮޑިޓް ރިޕޯޓާ ހަމައިން،“ ހުސްނީ ވިދާޅުވިއެވެ.

ޑިމޮކްރެސީގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަންޖެހޭއިރު، ހިތާމަޔަކީ ރާއްޖޭގައި އެފަދަ ޕާޓީއެއް ނެތްކަން ކަމުގައި އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް