މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަކަމާ އެކު ނާރުގެ ހާއްސަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މާލޭ ކްލިނިކްގައި ނިއުރޯސާޖަރީ ކޮންސަލްޓޭޝަންގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މާލޭ ކްލިނިކުގައި ނިއުރޯސާޖަރީ ކޮންސަލްޓޭޝަންގެ ހިދުމަތް ތައާރަފުކުރުމަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް އާންމުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ. މި ބަދަލުގެ މައިގަނޑު އަމާޒަކީ ބަލިމީހުންނަށް އެންމެ އެކަށީގެންވާ، އަދި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީ، ހުޅުމާލެއަށް ދަތުރުނުކޮށް މާލެއިން ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މި ހިދުމަތް ފޯރުކޮށްދެއްވާނީ ސިކުނޑި، މައިބަދަ އަދި ނާރުގެ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް ސުޕަ ސްޕެޝަލިސްޓް ނިއުރޯސާޖަން ޑޮކްޓަރު އަލީ އާފީއެވެ. ޑޮކްޓަރު އާފީއަކީ ސިކުނޑި އާއި މައިބަދައަށް ދިމާވާ އެކި ބަލިތައް ދެނެގަތުމާއި އެކަމާ ގުޅޭ ފަރުވާ ދިނުމުގައި ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މި އާ ހިދުމަތުގެ ދަށުން ބަލިމީހުންނަށް ގިނަ ކަންކަމަށް ފަރުވާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އޭގެ ތެރޭގައި މައިބަދައިގެ ޑިސްކަށް ދިމާވާ މައްސަލަތަކާއި، ނާރުގެ މައްސަލަތަކާ ގުޅިގެން މައިބަދައަށާއި ކަރަށް ދިމާވާ ދާއިމީ ތަދުތައް ހިމެނެއެވެ. މީގެ އިތުރުން ސިކުނޑީގައި ފެން ހެދުމާއި، ސިކުނޑި އަދި މައިބަދައިގައި އުފެދޭ ގަނޑުތަކާއި، ބޮލަށް ނުވަތަ މައިބަދައަށް ލިބޭ ބޮޑެތި އަނިޔާތަކުގެ އިތުރުން ނާރުގެ ނިޒާމަށް ދިމާވާ އެކި ބަލިތަކަށްވެސް ކޮންސަލްޓޭޝަން ލިބޭނެއެވެ.
މާލޭ ބުރުޒުމަގުގައި ހުންނަ މީމު އަލިފު ޗަމްޕާ ވިލާގައި ގާއިމުކޮށްފައިވާ ޓީޓީއެޗު ކްލިނިކުން މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހުއެވެ. މި ދުވަސްތަކުގައި ހަވީރު 5 އިން 6 އަށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަގުތު ސަލާމަތްކޮށް، ފަސޭހަކަމާއެކު ނާރުގެ ހާއްސަ ފަރުވާ ހޯދުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.



