- Advertisement -spot_img

އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

އަތޮޅުތެރޭގެ އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްއި އެމްބިއުލާންސްތަކުގެ ތަޅުދަނޑި ސިއްޚީ މަރުކަޒުތަކާ ވަނީ ހަވާލުކޮށްފައެވެ.

އެންބިއުލަންސް ހަވާލުކުރި ރަށްތަކަކީ ށ. ކޮމަންޑޫ، ށ .ފޮއްދޫ، ނ. ހެނބަދޫ، ބ. ދަރަވަންދޫ، ބ. ފުޅަދޫ، ބ. ދޮންފަނު، ޅ. އޮޅުވެލިފުށި، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ވޭވަށު، އއ. ބޮޑުފޮޅަދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދަނގެތި، ލ.ފޮނަދޫ، ގއ.ކޮނޑޭ އަދި ގދ. ވާދުއެވެ.

މި ފަހަރު މި ހަވާލުކުރި 17 އެމްބިއުލާންސް އެކު މި ސަރުކާރު އައި ފަހުން ޖުމްލަ 87 އެމްބިއުލާންސް ރަށްރަށަށް ހަވާލުކޮށްފައިވެއެވެ. މިނިސްޓްރީން ބުނީ އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސްވެސް މި އަހަރުގެ ތެރޭގައި ގެނެވި، ރަށްތަކާ ހަވާލު ކުރެވޭނެ ކަމަށެވެ.

އާ އެމްބިއުލާންސްތައް ހޯދުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) އާ ހަވާލުކޮށްގެންނެވެ. އެގޮތުން އެކި ބުރުތަކަށް ބަހަލައިގެން މި މަސައްކަތް ކުރިއަށް ގެންދާ އިރު މި ބުރުގައި 31 އެމްބިއުލާންސެއް ހޯދުމަށް އެ ކުންފުންޏާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކޮށްފައިވެއެވެ.

މި މަޝްރޫޢުގެ އަގަކީ 36.2 މިލިޔަން ރުފިޔާ އެވެ. މި މަޝްރުޢޫގެ ދަށުން މީގެ ކުރިން މި އަހަރުގެ މާޗް މަހު 14 އެމްބިއުލާންސެއް ރަށްރަށުގެ ސިއްޚީ މަރުކަޒުތަކާ ހަވާލުކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އަހަރުގެ ތެރޭގައި މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ވެސް ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް