- Advertisement -spot_img

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި، މި ކޭމްޕުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ހިނގާ ޖޫން މަހުގެ 24 އިން ފެށިގެން އަންނަ ޖުލައި މަހުގެ 16 ގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ކޭމްޕްގެ ދަށުން ކޮންސަލްޓޭޝަންތަކާއި ހިތާނުކުރުމުގެ ޕްރޮސީޖާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 އިން ފެށިގެން އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. މި ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާނީ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ (ޔޫރޮލޮޖީ) ޑޮކްޓަރުން ހިމެނޭ ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ. މި ޓީމުގައި ޑރ. މޫމިން، ޑރ. އުކްތަމް، ޑރ. ހުސެއިން، ޑރ. ޝަރީފް، ޑރ. އޯޑަ އަދި ޑރ. އުބައިދު ހިމެނިވަޑައިގަންނަވައެވެ.

ހިތާނީ ކޭމްޕްގެ ޖުމްލަ ޕެކޭޖް އަގަކީ 6,500 ރުފިޔާއެވެ. ނަމަވެސް އާސަންދަ މެދުވެރިކޮށް 1,000 ރުފިޔާ ހަމަޖެހޭނެތީ، ބެލެނިވެރިން ހޮސްޕިޓަލަށް ދައްކަން ޖެހޭނީ 5,500 ރުފިޔާއެވެ. އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، ހުރިހާ އޮޕަރޭޝަންތަކެއްވެސް ކުރިއަށްދާނީ ކުދިންނަށް ހިތްހަމަޖެހޭނެ ފަދަ ޚާއްޞަ މާހައުލެއްގައެވެ.

ހިތާނީ ޕެކޭޖްގައި ހިމެނޭ ޚިދުމަތްތައް:

ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން

ޕްރޮސީޖާއާއި ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް

ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން

އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް

އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރ ކުރުން

ފޮލޯއަޕް ކޮންސަލްޓޭޝަން އަދި އޮޕަރޭޝަނަށްފަހު ލުއި ކެއުން

ޚާއްޞަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފެންވަރު ރަނގަޅު ފަރުވާ ރާއްޖެއިން ފޯރުކޮށްދީ، ސިއްހީ ފަރުވާއަށް ދިވެހިން ބޭރު ޤައުމުތަކަށް ކުރަންޖެހޭ ޚަރަދުތައް ކުޑަކޮށްދިނުމެވެ.

މި ކޭމްޕާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅުއްވުމަށް ނުވަތަ care@treetophospital.com އަށް އީމެއިލް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް