ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފިއެވެ.
މި ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލަކީ މުޅި އިމާރާތް އެއްކޮށް ޒަމާނީ ފެންވަރަށް ބަދަލުކޮށް، ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނޭހެން ތަރައްޤީކޮށްފައިވާ ތަނެކެވެ. އަދި މި ޓާމިނަލް ފަރުމާކޮށްފައިވަނީ ރިސޯޓުތަކާއި އެހެނިހެން ހިއްސާދާރުންނާ ގާތުން މަޝްވަރާކޮށް، ފަތުރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި ގޮތުގައި، މިއީ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނައި ބަދަލެކެވެ. އަދި މިއީ ކުންފުނީގެ އުމްރާނީ ތަރައްގީއާއި ފްލީޓު ޒަމާނީކުރުމަށް ގެންގުޅޭ ސްޓްރެޓެޖީގެ ބައެއް ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ޓާމިނަލް ފަރުމާކޮށްފައިވަނީ ފަތުރުވެރިންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދައްކުވައިދޭ ޚާއްޞަ ތީމަކަށެވެ.
ޓާމިނަލަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ޔުނީކް އޯޑިއޯ ތީމެއްވެސް ބޭނުންކުރާނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ. އަދި މީގެ ކުރިން ބޭނުންކުރި ޓާމިނަލްގެ އާންމު ސަރަޙައްދުގައި އޭސީގެ ޚިދުމަތް ނެތް ނަމަވެސް، އަލަށް ހުޅުވި މި ޓާމިނަލް ވަނީ އޭސީކޮށްފައެވެ.
މުޅިން އައު އަރާމު ފަރުނީޗަރާއެކު ތަރައްޤީކޮށްފައިވާ މި ޓާމިނަލްގެ އެންމެ ޚާއްޞަ އެއް ކަމަކީ އެހެން އޮޕަރޭޓަރުންގެ ޓާމިނަލްތަކުގައި ނުހުންނަ ފަދަ ހިތްގައިމު ގާޑަން އޭރިއާއަކާއި، ސީޕްލޭން ދަތުރުކުރާ ވޯޓާވޭ ފެންނަ ގޮތަށް ހަދާފައިވާ ވިއުއިންގ ޑެކެވެ.
ތިމާވެށި ރައްކާތެރިކުރުމަށް މި މަޝްރޫޢުގެ ދަށުން ބޮޑު އިސްކަމެއް ދީފައިވާއިރު، ޕްލާސްޓިކް ފުޅި ކަނޑަށް އެޅުނަ ނުދިނުމަށްޓަކައި ވޭސްޓް ބޮޓްލް ރީސައިކަލް ކުރެވޭނެ ނިޒާމު ވަނީ ގާއިމުކޮށްފައެވެ.
ދަތުރުވެރިން އުފުލުމަށް ބޭނުންކުރާ ވެހިކަލްތަކުގެ ތެރޭގައި ބީވައިޑީގެ ބެޓެރި ވެހިކަލްތައްވެސް ބޭނުންކުރާއިރު، މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އައު ތަމްރީނު ގައިޑްލައިންތައް ތަޢާރަފްކޮށް، ސްޓާފް ކެންޓީނުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތުވެސް 11 ސީޕްލޭން ބޭނުންކުރަމުންދާއިރު، އިތުރު 2 ސީޕްލޭން ގެނައުމަށް އެކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިވަގުތުވެސް 4 ރަށަކަށް މޯލްޑިވިއަނުން ސީޕްލޭންގެ އޮޕަރޭޝަންރައް ދަނީ ހިންގަމުންނެވެ.



