ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސް ”އެޑްވާންސް މާޗަންޓް ސެޓްލްމަންޓް“ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާވެސް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އެ ގޮތުން މި ހިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް، ފަސް ދުވަސް ތެރޭގައި ފައިނޭންސިން ލިބޭނެ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ވިޔަފާރިތަކުން ކާޑު މެޝިންގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރުމަށް ބޭންކުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ. ”ފައިނޭންސިން އަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ، ފައިނޭންސިންގެ ސްކޯޕް އިތުރަށް ފުޅާކޮށް، އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ މާޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަކަމާއެކު ހަމަޖައްސައިދީ، ވިޔަފާރިތައް އިތުރަށް ކުރިއެރުވުން،“ މުހައްމަދު ޝަރީފު ވިދާޅުވިއެވެ.
މި ފައިނޭންސަށް އެދި ހުށަހެޅޭނީ، ބީއެމްއެލް މާޗަންޓް ހިދުމަތް މެދުވެރިކޮށް މަދުވެގެން ހަ މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށެވެ. އަދި މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20،000 ރުފިޔާގެ ވިޔަފާރިކޮށްފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާ ފަރާތްތަކަށެވެ. ބީއެމްއެލް އިން ބުނީ މި ފައިނޭންސިން އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެ ގޮތުން ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިން އަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ. ބީއެމްއެލް އިން ބުނި ގޮތުގައި މި ހިދުމަތަށް އެދި ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
މި ބަދަލުތަކަކީ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް އެހީތެރިވެ، ވިޔަފާރިތައް ދިގުމުއްދަތަކަށް ކުރިއެރުވުމަށް ބޭންކުން ދޭ އަހަމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް އެ ބޭންކުން ބުންޏެވެ. މި ހިދުމަތުގެ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެއެވެ.



