- Advertisement -spot_img

އަގުމަގު ޕޯޓަލްގައި 2،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓަރީކޮށްފި

ކަސްޓަމަރުންނަށް މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހަދާފައިވާ ”އަގުމަގު“ ޕޯޓަލްގައި 2،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މުޙައްމަދު ސަޢީދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ޖުމްލަ 2،224 ވިޔަފާރިއަކުން އެ ޕޯޓަލްގައި ރަޖިސްޓަރީވެފައިވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް މި ޚިދުމަތް ބޭނުންކުރާ އާންމުންގެ އަދަދު 2،724 އަށް އަރާފައިވާއިރު، އަގުމަގު މޮބައިލް އެޕްލިކޭޝަން ޑައުންލޯޑްކުރި މީހުންގެ އަދަދު މިހާރު ވަނީ 3،300 ފަހަނައަޅައި ގޮސްފައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕޯޓަލްއަކީ އިތުބާރު ހިފޭ އަދި އާންމު ދިރިއުޅުމަށް ނުހަނު ބޭނުންތެރި ވަސީލަތެއްގެ ގޮތުގައި ބަލައިގަނެ، ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ލޯންޗުކުރި މި ޕޯޓަލްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ހަމައެކަނި މާލޭ ސަރަހައްދުގެ ފިހާރަތަކުގެ މަޢުލޫމާތު ހިމަނައިގެން ނަމަވެސް، މޮބައިލް އެޕްލިކޭޝަން ތަޢާރަފުކުރުމާއެކު މިހާރު މި ޚިދުމަތް ވަނީ އަތޮޅުތަކުގެ ރަށްރަށަށް ވެސް ފުޅާކޮށްފައެވެ.

ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް އެކި ފިހާރަތަކުގައި މުދާ ވިއްކަން ހުރި އަގުތައް ފަސޭހަކަމާއެކު އަޅާކިޔައި، އެންމެ ހެޔޮ އަގުގައި ތަކެތި ލިބެން ހުރި ތަންތަން ވަގުތުން ބަލައިލެވޭނެއެވެ. އަދި ބާޒާރުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގު، އެންމެ ބޮޑު އަގު އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައިސްފައިވާ ބަދަލުތައް ވެސް މި ޕޯޓަލް މެދުވެރިކޮށް ދެނެގަނެވޭނެއެވެ.

އަގުމަގު ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް އެ ބޭފުޅުންގެ މުދާ އިޝްތިހާރުކުރުމަށާއި، ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހުރި ތަންތަނާއި އަގުތައް ބަލާލުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އަގުމަގު ޕޯޓަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި ޕޯޓަލްގައި ރަޖިސްޓްރީވުމަށްޓަކައި ކަނޑައެޅިފައިވާ ކިޔުއާރު (QR) ކޯޑު ސްކޭންކޮށްލައިގެން ނުވަތަ ރަޖިސްޓްރީވުމަށް ޚާއްޞަކުރެވިފައިވާ ލިންކު https://agumagu.trade.gov.mv/store-onboarding މެދުވެރިކޮށް ވަރަށް ފަސޭހައިން ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މި ޕޯޓަލްގައި ހިމަނާފައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ ލިސްޓެކެވެ.

ގުޅުންހުރި ލިޔުންތައް