- Advertisement -spot_img

އެސްޓީއޯގެ ހިއްސާއަކަށް 85ރ ބަހައިފި

އެސްޓީއޯ ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ޖެހުނު 85ރ ބަހައި، އަހަރީ އާއްމު ޖަލްސާ ނިމުމުގެ ކުރިން ހިއްސާދާރުންގެ އެކައުންޓަށް ފައިސާ ފައިދާ ޖަމާކޮށްފިއެވެ.

ދުސިޓް ޑީޓޫ ރިސޯޓުގައި ރޭ ބޭއްވި އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ވަނީ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހަން ބޯޑުން ފާސްކުރި 85ރ. ހިއްސާދާރުންގެ ވޯޓުން ފާސްކޮށްފަ އެވެ. އަދި މި އަހަރު ވެސް ވަނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް ޖަލްސާ ނިމި ގެއަށް ދިއުމުގެ ކުރިން ހިއްސާދާރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށް ހަލާސްކޮށްފަ އެވެ. މި ފައިދާއަކީ މިދިޔަ 10 އަހަރު ތެރޭގައ ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އެންމެ ބޮޑު އަދަދެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކާ ބެހޭ ގޮތުން ދެއްވި އޭޖީއެމްގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ޝިމާދު މުހައްމަދު ވިދާޅުވި ގޮތުގައި ހިއްސާދާރުންގެ ރައުސުލްމާލު 4.5 ބިލިއަން ރުފިޔާ އިން ހަ ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ. އަދި މިއާއެކު އެ ކުންފުނީގެ ދެމެހެއްޓެނިވި ގޮތުން ކުރަމުން ގެންދާ ވިޔަފާރިން ހިއްސާދާރުންގެ ރިޓާން އޮފް އިކުއިޓީ މިވަނީ 14 ޕަސެންޓުގައި ހިފެހެއްޓިފައިވާކަން ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކުރިން 300ރ. ގެ މަގުން ހިއްސާ ގަތް ފަރާތްތަކަށް ކެޕިޓަލް ގެއިންގެ ގޮތުގައި 500ރ، ގެ އިތުރުވުމެއް ވަނީ ލިބިފައެވެ. އަދި އެ ދުވަހު ހިއްސާ ނުގަތްނަމަ އެ ފަރާތުގެ އަތުގަ ފޮރުވާފައި ހުރި ފައިސާގެ އަގު މިއަދު މި ވަރަށް އަގުމަތި ނުވާނެކަން ޝިމާދު ފާހަގަ ކުރެއްވިއެވެ.

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކުރީ އަހަރު 772 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެސްޓީއޯއަށް އެންމެ ބޮޑަށް އާމްދަނީ އަބަދު ވެސް ލިބެނީ ތެލުންނެވެ. ތެލާއި ހަކަތައަކީ އެސްޓީއޯ ވިޔަފާރީގެ 70 ޕަސެންޓް ހިއްސާ ކުރާ ދާއިރާ އެވެ. ނަމަވެސް، ތެލުގެ އަގަށް އައި ބަދަލުތަކާއެކު މިދިޔަ އަހަރާ އަޅާކިޔާއިރު އާމްދަނީ ވަނީ %3 ދަށްވެފަ އެވެ މިދިޔަ އަހަރު ތެލުން 12,107 ބިލިއަން ރުފިޔާ ލިބުނުއިރު ކުރި އަހަރު ލިބުނީ 11,688 ބިލިއަން ރުފިޔާ އެވެ.

އޭޖީއެމްގައި ޝިމާދު ވިދާޅުވީ އެސްޓީއޯއަކީ ވިޔަފާރި ކުންފުންޏަކަށްވުމާއެކު މިދިޔަ 60 އަހަރު ދެމެހެއްޓެނިވި ގޮތަށް ވިޔަފާރިކުރުމުގެ ނަތީޖާއަކީ އާމްދަނީ އާއި މަންފާ އެއް ފެންވަރެއްގައި ހިފެހެއްޓުމެވެ.

ޝިމާދު ވަނީ އެސްޓީއޯގެ ހިއްސާގަތް ފަރާތްތަކަށް ލިބޭ ތިން މަންފާއެއްވެސް ވިދާޅުވެފަ އެވެ. އެގޮތުން ޑިވިޑެންޓް ލިބުމުގެ އިތުރުން ކެޕިޓަލް ގްރޯތު މައްޗަށް ދިއުމާއި އިންފްލޭޝަނުން ހިމާޔަތް ކުރެވިފައިވުން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ ހިއްސާދާރުން ކުރި އިންވެސްޓްމަންޓަކީ ކާމިޔާބު އިންވެސްޓްމަންޓެއްކަން ޝިމާދު ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް