އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް ބާޒާރަށް ނެރުމަށްޓަކައި އެސްޓީއޯ އިން އޯޑަރުކުރި ތަކެތި އަންނަ މަހުގެ 15 ގެ ކުރިން ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ކެބިނެޓްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ލިސްޓަށް އިތުރު 23 ބާވަތް ވަނީ އިތުރުކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ ތަރުކާރީއާއި ދިހަ ބާވަތުގެ މޭވާގެ އިތުރަށް އަލުއްވާއި ބިހާއި ފިޔައާއި، ކުކުޅާއި މުގު އެސްޓީއޯއިން ގެނެސް ބާޒާރަށް ނެރެ ހެޔޮ އަގުގައި ވިއްކަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅިގެން އެސްޓީއޯއިންވަނީ އެ ތަކެއްޗަށް އޯޑަރު ޖަހައި އެކި ގައުމުތަކުން އެތަކެތި ރާއްޖެއަށް އެތެރެކުރަން ފަށާފައެވެ. އެސްޓީއޯ އިން ބުނީ އޯޑަރު ކުރި ތަކެތި އަންނަ މަހުގެ 15ގެ ކުރިން ރާއްޖެ އަންނާނެ ކަމަށެވެ.
އެތަކެތި ލިބުމާއެކު އެ މުދާ ބާޒާރަށް ނެރެ ހެޔޮ އަގުގައި ވިއްކުމަށް އެސްޓީއޯއިން އަންނަނީ ތައްޔާރުވަމުންނެވެ. މިއާއެކު ބާޒާރުގައި ބައެއް ފަހަރު އަގުބޮޑުވާ ކާނާގެ ބާވަތްތައް ދާއިމީގޮތެއްގައި ހެޔޮއަގުގައި ލިބޭނެ ގޮތް މަގުފަހިވީއެވެ.
ވިޔަފާރިވެރިން ގަސްތުގައި ތަކެތީގެ އަގު ބޮޑުކުރާކަން ފާހަގަކުރައްވައި އެކަން ހުއްޓުވުމަށް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް މީގެކުރިން ވިދާޅުވެފައިވެއެވެ.



