ވޯލްޑް ކަޕް ޔޫރަޕިއަން ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ޔޫކްރެއިން އަތުން 2-0 އިން ފްރާންސް މޮޅުވެއްޖެއެވެ.
ޕޮލޭންޑްގެ މިއެސްކީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްރާންސުން ވަނީ މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ބްރޭޑްލޯ ބާކޯލާ ފަހިކޮށްދިން ފުރުސަތަކުން މައިކަލް އޮލީސޭ ކާމިޔާބު ކުރި ލަނޑެކެވެ.

ދެވަނަ ހާފަށް ފްރާންސުން ވަނީ މި އަހަރުގެ ބަލަންޑޯއަށް ވާދަކުރަމުން އަންނަ އުސްމާން ޑެމްބެލޭ ކުޅުމުގެ ތެރެއަށް ވައްދާފައެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި އޭނާގެ ފައިފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ދަނޑުން ބާލުވަން ޖެހިފައެވެ. ޑެމްބެލޭގެ ބަދަލަށް ކުޅުމުގެ ތެރެއަށް އައީ ލިވަޕޫލުގެ ހިއުގޯ އެކިޓިކޭއެވެ.
ފްރާންސްގެ ދެވަން ލަނޑު ފެނިގެންދިޔައީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ރެއާލް މެޑްރިޑުގެ ދެ ކުޅުންތެރިން ކަމުގައިވާ އޯރެލިއެން ޗުއަމެނީ އަދި ކިލިއަން އެމްބާޕޭ ގުޅިގެން ކާމިޔާބު ކުރި ލަނޑެކެވެ. އެމްބާޕޭގެ މި ލަނޑާއެކު އޭނާ ވަނީ ފްރާންސް ލެޖެންޑު ތިއެރީ އޮންރީއާ އެއްވަރަށް ގައުމީ ޓީމަށް ލަނޑު ޖަހައިދީފައެވެ. ދެ ކުޅުންތެރިން ވެސް 51 ލަނޑު ޖަހާފައިވާއިރު ފްރާންސްގެ ޓޮޕްސްކޯރާ ކަމުގައިވާ އޮލީވިއާ ޖިރޯ ފަހާލަން އެމްބާޕޭ ބޭނުންވަނީ އެންމެ ހަތް ލަނޑެވެ.
ޔޫކްރެއިން އަތުން މި ލިބުނު މޮޅާއެކު ފްރާންސުން ކޮލިފައިއާސް ފަށާފައި މި ވަނީ ފުރިހަމަ ކޮށެވެ. މި ދިޔަ ދެ ވޯލްޑް ކަޕުގައި ވެސް ވަރުގަދަ ކުޅުމެއް ދެއްކި ފްރާންސްއަކީ މި ފަހަރުގެ ވޯލްޑް ކަޕަށް ވާދަކުރަން ފޭން ފެވަރިޓް ގައުމެކެވެ.