އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކީރިތި ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް: ހުކުރު ޚުޠުބާ

އިންސީންނާއި ޖިންނީންނަށް ތެދުމަގު ދެއްކެވުމަށް ﷲ ތަޢާލާ ފޮނުއްވި މާތް ނަބިއްޔާ، މުޙައްމަދު صلى الله عليه وسلم ދެކެ ލޯބިވުމަކީ އެކަމަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ ”ރަސޫލުﷲ صلى الله عليه وسلم ދެކެ ލޯބިވުން“ މި މައުލޫއެވެ.

މިގޮތުން މިއަދު ދިން ޚުޠުބާގައިވަނީ، މާތް ނަބިއްޔާ صلى الله عليه وسلم ދެކެ ލޯބިވުމުގެ މުހިންމުކަމުގެ މައްޗަށާއި، އެކަލޭގެފާނު ދެކެ ލޯބިވާންޖެހޭ ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ޚުޠުބާގައި ބުނެފައިވަނީ، ތާރީޚު ދުށް ޖަހާލަތުގެ އެންމެ އަނދިރި ވަޅުގަނޑު ތެރޭގައި އިންސާނުން ވަނިކޮށް ﷲ ތަޢާލާ އިންސާނުންގެ މައްޗަށް ދަރުމަވެވޮޑިގެން އެއުރެންނަށް ތެދުމަގު ދެއްކެވުމަށް، މާތް މުޙައްމަދު ނަބީކަލޭގެފާނު ފޮނުއްވި ކަމަށެވެ. އެކަލޭގެފާނު ގެނެސްދެއްވި ދީނުގެ ސިފަތަކުގެ ތެރޭގައި، އިންސާފުވެރިކަމާއި ހަމަހަމަކަން އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވެ، ހަތުރުން، މިތުރުންނަށް ބަދަލުވި ކަމަށެވެ.

ކީރިތި ރަސޫލާ ދެކެ ލޯބިވުމަކީ ކޮބައިކަން ދަންނަންޖެހޭ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެގޮތުން، އެކަލޭގެފާނު ގެންނެވި ރިސާލަތަށް ތަބަޢަވުމާއި، ތިމާ، އެމީހަކުދެކެ އެންމެ ބޮޑަށް ލޯބިވާ މީހަކީ އިތުރު އެކަލޭގެފާނު ކަމުގައި ހެދުމާއި އެކަލޭގެފާނުގެ އަރިހުގައި އަޑުމަޑުކުރުމާއި އެކަލޭގެފާނަށް އިޙްތިރާމްކުރުން ފަދަ ކަންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މިއަދު އެކަލޭގެފާނުދެކެ ލޯބިވުމުގެ ތެރެއިން ގުނޭނެ ކަންކަމުގެ ތެރޭގައި އެކަލޭގެފާނުގެ ޝަޚްޞިއްޔަތާއި، އެކަލޭގެފާނުގެ ސުންނަތާއި، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއި އަނބިއަނބިކަނބަލުން ދިފާޢުކުރުމުގެ އިތުރުން، އެކަލޭގެފާނުގެ ސުންނަތުގެ މައްޗަށް ބަސްނުކިއުން ހިމެނޭނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ދެވަނަ ޚުޠުބާގައި ބުނެފައިވަނީ، މާތްﷲ ގެ ދީން ފުރިހަމަވަނީ އެކަލާނގެ ނަބިއްޔާގެ ސުންނަތާއި އެކުގައި ކަމަށެވެ. އެހެންކަމުން، ކީރިތި ޤުރްއާންގެ އިތުރުން އެކަލޭގެފާނުގެ ސުންނަތުގައިވެސް ވަރުގަދައަށް ހިފެހެއްޓުމަށް އަހަރެމެންނަށް އަމުރުކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން، މުސްލިމުން އެކަތިގަނޑަކަށް ވުމަށާއި، ބައިބައި ނުވުމަށް އަމުރުކުރައްވާފައިވާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް