އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިތުރު 5 ރަށެއްގައި އޭ ލެވެލް އަށް ކިޔަވައިދޭން ފަށަނީ

ކުރިއަށް އޮތް ދިރާސީ އާ އަހަރާ އެކު، އިތުރު ފަސް ރަށެއްގައި އޭ ލެވެލް އަށް ކިޔަވައި ދޭން ފަށަން ނިންމައިފިއެވެ.

ފަސް ރަށަކަށް މަތީ ސާނަވީގެ ފުރުސަތަށް ހުޅުވައިލާނީ އެކަށީގެންވާ ޢަދަދަކަށް ދަރިވަރުންތަކެއް އެ ރަށެއްގައި ގްރޭޑު 10 ނިންމާ ދަރިވަރުންގެ ތެރޭގައި ހިމެނޭކަމަށް ވާނަ ނަމަ ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑުމެން އޭލެވެލް ފުޅާކުރުމުގައި ސަސްޓެއިނަބިލިޓީއަށް ވެސް ބަލަމުން އަދި ރަނގަޅު ނަތީޖާ ހޯދާފައި ތިބި ގިނަ ދަރިވަރުންތަކެއް އެ ރަށެއްގައި މަޑުކޮށްގެން ތިބެގެން މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާކަމުގައިވާ ނަމަ މިހާރު ގެންގުޅޭ ވަކި މިންގަނޑުގެ ތެރެއިން އޭ ލެވެލް ފެށުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި އިތުރު ސްކޫލުތަކަށް އެބަދެން.“ – އޭ ލެވެލް ފެށުމާ ގުޅޭގޮތުން ދައުލަތުގެ މީޑިޔާގައި ވާހަކަފުޅު ދައްކަވަމުން،  އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުޙައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަހަރުގެ ސާނަވީ އިމްތިޙާނުގައި ރަށްރަށުގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ކަމަށާއި، އެހެންވެ އެސްކޫލްތައް ފާހަގަކޮށް ދަރިވަރުން މަތީ ސާނަވީ އަށް ރަށުގައި ކިޔަވަން އެދޭ ނަމަ އެރަށްތަކުގައި ތިބެގެން އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަޙުމަދު މުޙައްމަދު ވިދާޅުވިއެވެ.

އޭ ލެވެލް އަށް ކިޔަވައިދޭން ފެށުމަށް ނިންމީ ކޮން ސްކޫލްތަކެއްގައި ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް