ބ. ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސޮއިކުރެވުނު މި އެއްބަސްވުމާއި ބެހޭގޮތުން ރައީސް ވިދާޅުވީ ، ސްކޫލްގެ މަލްޓިޕާޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް އެއީ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫޢުތަކަކަށްވާނެ ކަމަށެވެ. އައު މަޝްރޫޢާއެކު ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި، އެނޫންވެސް ސްކޫލްގައި ހުރި ދަތިތައް ހައްލުވެ ވަސީލަތްތައް ފުރިހަމަވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.