ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވި ކާރެއް މަޑުކުރަން މަސައްކަތްކުރި ފުލުހުން ތިބި ސައިކަލެއްގައި އެ ކާރުންޖެހި ރޭ ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރުމަށް ފުލުހުން އެންގި ނަމަވެސް، އެ ކާރު ވަނީ މަޑުނުކޮށް ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގައި ބާރު ސްޕީޑްގައި ދުއްވާފައެވެ. މި ކާރު ދުއްވަމުން ދިޔައީ ނުރައްކާތެރި ގޮތެއްގައި ކަމަށް ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން ބުނީ، އެ ކާރު ހުއްޓުވުމަށް ފުލުހުންގެ ސައިކަލެއް ފަހަތުން ދަނިކޮށް، އެ ސައިލުގައި ކާރުން ޖެހި ވަނީ އެކްސިޑެންޓްވެފައިކަމަށެވެ.
މި ހާދިސާގައި ފުލުހުންގެ ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުސް އޮފިސަރަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާއާ ގުޅިގެން ކާރު ދުއްވި ފިރިހެން މީހާ އާއި ކާރުގައި އިން އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.



