އިސްރާއީލާއެކު ހުރިހާ ވިޔަފާރިއަކާއި މާލީ ގުޅުންތަކެއް ކަނޑާލުމަށް ގައުމުތަކަށް އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ އޮކިއުޕޭޑް ޕެލެސްޓީނިއަން ޓެރިޓަރީ ފްރެންސެސާ އަލްބަނީސް ގޮވާލައްވައިފިއެވެ.
އަލްބަނީސް މިހެން ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމާއި ފަލަސްތީނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކަށް ތާއީދުކުރާ ކަމަށް ބުނާ ގިނަ ކުންފުނިތަކެއް ފާހަގަކޮށް ޖެނީވާގައި ހުންނަ ހިއުމަން ރައިޓްސް ކައުންސިލްގައި ބުރާސްފަތި ދުވަހު ދެއްވި ތަގުރީރުގައެވެ.
”އިސްރާއީލުން ޒިންމާ އުފުލަންޖެހޭ ކަމަކީ މި ޒަމާނުގައި ހިނގާފައިވާ އެންމެ އަނިޔާވެރި ނަސްލު ހަލާކުކުރުމުގެ އަމަލުތަކުގެ ތެރެއިން އެއް އަމަލެއް،“ އަލްބަނީސް ވިދާޅުވިއެވެ.
އަލްބަނީސް ހުށަހެޅި ރިޕޯޓްގައިވާގޮތުން މިހާރު 22 ވަނަ މަސް ވެފައިވާ މި ހަނގުރާމައިގައި، އިސްރާއީލުން ގާތްގަނޑަކަށް 57،000 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ސަތޭކަ ހާސް މީހުން ވަނީ މަގުމަތިވެފައެވެ. ސިޓީތަކާއި ރަށްތައް ވަނީ ފަސްގަނޑަކަށް ހަދާލާފައެވެ. ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ހަމަލާތައް ދީފައިވާއިރު ބޮންއެޅި ސަރަހައްދުގެ 85 އިންސައްތަ މިހާރު ވަނީ އިސްރާއީލުގެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
އެ ރިޕޯޓުގައި ވަކިވަކިން ފާހަގަކޮށްފައިވަނީ ހަތިޔާރު އުފައްދާ ކުންފުނިތަކާއި، ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކާއި، ބޮޑެތި މެޝިނަރީ އުފައްދާ ކުންފުނިތަކާއި، މާލީ އިދާރާތަކުން ފަލަސްތީނުގެ އާންމުންނަށް އިސްރާއީލުން ހިންގާ ލާއިންސާނީ އަނިޔާގައި ”ބައިވެރިވާ“ ކަމަށެވެ.
މީގެ ތެރޭގައި ހިފާފައިވާ ސަރަހައްދުގެ އިތުރު ބިންތައް އަތުލުމަށް އެހީތެރިވުމާއި، ފަލަސްތީނުން މަރާލުމާއި އެ މީހުންގެ މައްޗަށް ޖާސޫސީކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ސިޔާސީ ލީޑަރުން ޣައްޒާގައި ލޭއޮހޮރުވުން ހުއްޓުވުމަށް އިސްރާއީލަށް ބާރުއެޅުމުގެ ޒިންމާ އަދާކުރުމުން އެއްކިބާވަމުންދާއިރު، ވަރަށް ގިނަ ކުންފުނިތަކުން އިސްރާއީލުގެ ޣައިރު ޤާނޫނީ ”އޮކިއުޕޭޝަން އިކޮނިމީއިން“ ފައިދާ ހޯދަމުންދާ ކަމަށެވެ.
މީގެ އިތުރުން ރިޕޯޓްގައި އިސްރާއީލުގެ އަނިޔާތަކުގައި ކުންފުނިތަކުގެ ބައިވެރިވުން އޮތްކަމަށް ބުނެ ޕްރައިވެޓް ސެކްޓާ ޒިންމާދާރު ކުރުވައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުންފުނިތަކުގެ ބައިވެރިވުމުގެ ސަބަބުން ގާނޫނީ ގޮތުން އެފަރާތްތަކަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ.
ތަގުރީރަށްފަހު ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލްބާނީޒް ވިދާޅުވީ ”ޣައްޒާއާއި ހިފާފައިވާ ފަލަސްތީނުގެ އެހެނިހެން ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، މީހުން މެރުމާއި، އަމާޒުހިފާ، ހަލާކުގެ ސަބަބުން ފައިދާ ހޯދާފައިވާ ކުންފުނިތަކާއި ފަރުދުން އެބަތިބި“ ކަމަށެވެ.
އޭނާ ވިދާޅުވީ ތެލްއަވީވް ސްޓޮކް އެކްސްޗޭންޖް ގާތްގަނޑަކަށް 21 މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި މަދުވެގެން 200 އިންސައްތަ އިތުރުވެ، މާކެޓް ވެލިއުގެ ގޮތުގައި 220 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
އަލްބަނީސް ވިދާޅުވީ، ހަތިޔާރު އުފައްދާ ކުންފުނިތަކުން ވަނީ އިސްރާއީލަށް އެންމެ ޒަމާނީ ހަތިޔާރުތައް ފޯރުކޮށްދީގެން ރެކޯޑާ ގާތްކުރާ މިންވަރަކަށް ފައިދާ ހޯދާފައި ކަމަށެވެ. އަދި މި ހަތިޔާރުތަކުން 85،000 ޓަނުގެ ގޮވާ ތަކެތި ބޭނުންކޮށްގެން ޣައްޒާ ހަލާކުކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެފް-35 ފައިޓާޖެޓް ޕްރޮގްރާމް ހިންގަނީ އެމެރިކާގެ ލޮކްހީޑް މާޓިން ކަމަށާއި، ނަމަވެސް މި ޕްރޮގްރާމްގެ ބައިތައް އުފައްދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައިކަން ވެސް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި އިޓަލީގެ ލިއޮނާޑޯ އެސްޕީއޭ ހިމެނެއެވެ. މި ރިޕޯޓުގައި އިސްރާއީލުގެ އެލްބިޓް ސިސްޓަމްސްއާއި އައިއޭއައި ވެސް ޑްރޯން އުފެއްދުމުގައި ބައިވެރިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ޖަޕާނުގެ ފަނުކް ކޯޕަރޭޝަނުން ހަތިޔާރު އުފެއްދުމުގެ ލައިންތަކަށް ރޮބޮޓިކް މެޝިނަރީ ފޯރުކޮށްދޭ ކަމަށާއި، އަދި ޑެންމާކުގެ އޭ.ޕީ. މޯލަރ-މާސްކް ފަދަ ޝިޕިން ކުންފުނިތަކުން އިސްރާއީލަށް އެމެރިކާއިން ފޯރުކޮށްދޭ އަސްކަރީ އާލާތްތައް ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މެދުނުކެނޑި ފޯރުކޮށްދެމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ.