ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

އައްޑޫގައި ގަވައިދާ ހިލާފަށް އުޅުނު 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އައްޑޫ ސިޓީގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަން އުޅުނު 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މިއަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، ”އޮޕަރޭޝަން ހަމަމަގު“ އިމިގްރޭޝަނުން ކުރިއަށްގެންދިޔައީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން  ބުނީ އައްޑޫ ސިޓީގައި އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ”އޮޕަރޭޝަން ހަމަމަގު“ގައި އައްޑޫ ސިޓީން ޖުމުލަ 678 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

”މީގެ ތެރެއިން 83 މީހުން ގަވާއިދާ ހިލާފަށް އުޅޭކަން ފާހަގަކުރެވިފައި. އެ މީހުން މިހާރު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި،“ އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އައްޑޫ ސިޓީގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވައިލުމަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް، މާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ގެންނާނެ ކަމަށާއި އެފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހީންނަށް ނޯޓިސް ހަވާލުކުރާނެ ކަމަށެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވަޒީފާދީގެން މަސައްކަތްކުރުވާ 75 ފަރާތަކަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުގެ ޓާސްކްފޯސްގެ އެ ރެއިޑު އޮޕަރޭޝަންގައި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު އަދި ޑެޕިއުޓީ ކޮންޓްރޯލަރު އަހުމަދު އަޝްފާން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އަދި އޭގެ އިތުރުން އިމިގްރޭޝަނުގެ 54 އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންގެ 60 އޮފިސަރަކާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް ބައިވެރިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް